Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

އެމްޓީސީސީއަށް މިހާރު އެއްފަހަރާ 120 ޕްރޮޖެކްޓް ހިންގޭނެ

މީގެކުރިން އެމްޓީސީސީއަށް އެއްފަހަރާ ހިންގެނީ 20 ޕްރޮޖެކްޓް ކަމަށާއި މިސަރުކާރުގައި އެއްފަހަރާ 120 ޕްރޮޖެކްޓް ހިންގޭނެ ކެޕޭސިޓީ އެ ކުންފުންޏަށް ހޯދައިދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. ބޮޑުފޮޅަދޫއަށް ރައީސް ސޯލިހް މިއަދު ވަނީ ވަޑައިގެންފައެވެ. އެރަށުގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގައުމު ތަރައްގީވާން ކަމަށާއި ރައްޔިތުން ބޭނުންވަނީ ހަމަޖެހިލައިގެން ދިރިއުޅުމަށް ކަމަށެވެ. މީގެކުރިން ބޮޑުފޮޅަދޫފަދަ ރަށްރަށަކީ ބާކީކުރެވިފައި ހުރި ރަށްރަށްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުން ކުރަންފަށާފައިހުރި ކަންކަމުން އެކަން ސާފުވާކަމަށެވެ.

މިވެރިކަމުގައި ރަށްރަށުގައި އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދީ އެ މަޝްރޫއުތައް ހިންގަންޖެހުނުކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިހާރު ހިންގާ މަޝްރޫއުތަކާއެކު ކޮންމެ ރަށަކަށްވެސް ބޮޑު އިންގިލާބެއް އަންނާނެ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ އެކި ސިނާއަތްތަކާއި ވިޔަފާރިތައް ފަށަންބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ލިބޭނެގޮތް ކުރިއަށް އޮތް ދައުރުގައި ހަމަޖައްސަވާނެ ކަމަށެވެ.

ވައުދުވަނީ ވައުދު ފުއްދަންކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ވެފައިވާ ވައުދުތަކުގެ 90 އިންސައްތަ މަޝްރޫއުތައް ނިމެމުންދާ ކަމަށެވެ. އަދި މިއީ މީގެކުރީގެ އެއްވެސް ސަރުކާރަކަށް ކުރެވިފައި އޮތްކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން އެމްޓީސީސީއަށް އެއްފަހަރާ ހިންގެނީ 20 ޕްރޮޖެކްޓް ކަމަށާއި، މިސަރުކާރުގައި އެއްފަހަރާ 120 ޕްރޮޖެކްޓް ހިންގޭނެވަރުގެ ވަސީލަތްތައް އެމްޓީސީސީއަށް ހޯދައިދީފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިއީ ޕްލޭނެއް އޮވެގެން ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމުން ހާސިލުކުރެވުނު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން މިކަމާ ކަންބޮޑުވާނެ. ދެން އައިސް ވާނީ ކޮން ވައުދެއްތޯ، މިއިން ރަށަކަށް އައިސް؟ ކީކޭތޯ ކިޔާނީ؟" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައްޔިތުންނަށް މި ސަރުކާރާއި ކުރީގެ ސަރުކާރުތައްވެސް ޓެސްޓް ކުރެވިފައިވާ ކަމަށާއި ރައްޔިތުންނަށް ސަރުކާރުތައް ވަރަށް ސާފުކޮށް އަޅާކިރާލެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.