Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޝަރުތު ހަމަވާ އެންމެންނަށް އައްޑޫން ގޯތި ދެނީ

އައްޑޫސިޓީ ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ: ސިޓީ ކައުންސިލް

އައްޑޫސިޓީން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫއިން ގޯއްޗަަށް އެދިފައިވާ އެންމެންނަށް ގޯތި ނިންމާފައިވާ ކަން އިއުލާންކޮށްފައިވަނީ އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައެވެ. ނިޒާރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން އައްޑޫސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބި ނަމަވެސް، ޒުވާނުންނަށްވެސް ގޯތި ދޭން ނިންމާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.


އައްޑޫސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، މިއަދު ބޭއްވި އައްޑޫސީޓީ ކައުންސިލުގެ ރަސްމީ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަ ދެއްކި މެންބަރުން ވަނީ މިއީ އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ފާހަގަކޮށްފައެވެ. މީގެ އިތުރުން ޝަރުތު ހަމަނުވާ ފަރާތްތައް، ޝަރުތު ހަމަ ނުވާ ސަބަބުވެސް އިއުލާން ކުރާއިރު އެނގޭނެ ގޮތަށް ހުންނާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އައްޑޫސިޓީން 1000 ގޯތި ދިނުމަށް މިއަހަރު ކުރީކޮޅު ވަނީ ހުޅުވާލާފައެވެ. އޭރު ހުޅުވާލީ ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، އަދި ހުޅޫދޫ އަދި މީދޫއިން ކުރެ ކޮންމެ އަވަށަކުން 100 ގޯތި ދިނުމަށެވެ. މި ގޯތިތަކަށް ޖުމްލަ 4160 ފޯމު ހުށަހަޅާފައިވާއިރު، ޖުމްލަ 3972 ފަރާތެއް ޝަރުތު ފުރިހަމަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. ކައުންސިލުން ވަނީ މިއެންމެންނަށް ގޯތި ދޭން ނިންމާފައެވެ.

އައްޑޫއިން 1000 ގޯތި ދިނުމަށް ކުރިން ނިންމި ނަމަވެސް، ސަރުކާރުން އައްޑޫގައި މިވަގުތު  މި ސަރުކާރުން 194.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިއާއެކު އައްޑޫގެ ބިން ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާއިރު، ބާކީ ހުރި ގޯތިތައް ދޭނީ އަލަށް ހިއްކި ބިމުން ލޭންޑް ޔޫޒް ޕްލޭންތައް ނިންމައި ކަމަށް ކައުންސިލުން ބުނެއެވެ.