Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ދެވާރާ" ގައި ސައިފް ފެންނާނެ ގޮތް ދައްކާލައިފި

މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދެވާރާ" ގައި ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން ފެންނާނެ ގޮތް ދައްކާލައިފި އެވެ.

ފަސްޓްލުކް ޕޯސްޓަރު ދައްކައިލީ މިއަދު ފާހަގަކުރާ ސައިފްގެ 52 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. "ޕޭން-އިންޑިއާ" ފިލްމެއްގެ ގޮތުގައި ހަދާ "ދެވާރާ" އަކީ ކޮރަޓަލާ ސިވާ ޑައިރެކްޓްކުރާ އެކްޝަން ޑްރާމާއެކެވެ. މީގައި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ސައިފް ކުޅެނީ ވިލަންއެއްގެ ރޯލެވެ. އަދި އޭނަގެ ކެރެކްޓާގެ ނަމަކީ ބައިރާ އެވެ.

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ އެންމެ ފަހުން ވެސް ފެނިފައި ވަނީ ނެގަޓިވް ރޯލަކުންނެވެ. އެއީ ޖޫންގައި ރިލީޒްކުރި ޕްރަބާސްގެ "އާދިޕުރުޝް" އިންނެވެ. ސައިފް ނެގަޓިވް ރޯލުތަކެއް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ރޭސް" ސީރީޒް އާއި "އޯމްރާކާރާ" އަދި "ތާނާޖީ: ދި އަންސަންގް ވޮރިއާ" ހިމެނެ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދެވާރާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 5 ގަ އެވެ. މީގެ ބަތަލާ އަކީ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރެވެ.

"ދެވާރާ" އަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ "އާރްއާރްއާރް" އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ އެންޓީއާރްގެ ފުރަތަމަ ފިލްމެވެ.