މޯލްޑިވިއަންގެ ދަތުރުތަތައް އިންޑިއާގެ ބެންގަލޫރުއަށް އަންނަ އޮކްޓޯބަރު މަހު 30 ވަނަ ދުވަހު ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް، އެކުންފުނިން ހާމަކޮށްފިއެވެ.
މޯލްޑިވިއަންއިން ނެރުނު ނޫސްބަޔާނުގައި ބުނި ގޮތުގައި، މިހާރު މާލެ ބެންގަލޫރު ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ. މޯލްޑިވިއަންގެ ދަތުރުތަށް ބެންގަލޫރުއަށް ނިންމާފައި މިވަނީ، ޤައުމީ އެއާލައިންއިން ރާއްޖެ ދުނިޔޭގެ ވީހާވެސް ގިނަ މަންޒިލަކާއި ގުޅޭލުމުގެ އަމާޒުގައި ކުރެވޭ މަސައްކަތުގެ ދަށުން ކަމަށް އެކުންފުނިން ބުނެއެވެ.
އަދި މިއީ ދެ ޤައުމުގެ ދެމެދު ސަޤާފީ ގޮތުންނާއި، ވިޔަފާރީގެ ގޮތުންވެސް ގުޅާލެވޭ ގުޅާލުމެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މިއާއެކު މިއީ މޯލްޑިވިއަންގެ ނެޓްވޯކަށް އިތުރުވެގެންދާ މުހިންމު މަންޒިލެއް ކަމަށްވެސް ޤައުމީ އެއާލައިނުން ފާހަގަ ކުރެއެވެ.
މޯލްޑިވިއަންއިން ބެންގަލޫރު އަދި މާލެ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވަން ވަނީ ގަސްތުކޮށްފައެވެ. އެ ފްލައިޓުތައް އޮންނާނީ ހޯމަ، އަދި ބުރާސްފަތި ދުވަހު ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ރަސްމީ ދަތުރުތަކުގައި އަދި ނުރަސްމީ ހަފްތާ ބަނދު ދަތުރުތަކަށްވެސް ވިސްނާ ރާވާފައިވާ ޝެޑިއުލްއެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
ރާއްޖޭގެ އެތެރޭގެ ގިނަ އެއާޕޯޓުތަކުގެ އިތުރުން މޯލްޑިވިއަންއިން މިވަގުތު އިންޑިއާ ޓްރެވިޑްރަމް އަދި ކޮޗިންއަށް ދަތުރު ކުރެއެވެ. މިއާއެކު މިހާރު އިންޑިއާގެ ތިން މަންޒިލަކަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށޭނެއެވެ.