Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހުޅުމާލޭ ރަށު މާރުކޭޓުން 25 ގޮޅިއަށް ކުއްޔަށް ދެނީ

ހުޅުމާލެ ރަށު މާރުކޭޓު ތެރެއިން / ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓުން 25 ގޮޅިއެއް ބީލަން އުސޫލުން ކުއްޔަށް ދޫކުރުމަށް ނިންމައި، ގޮޅިއަށް ކުރިމަތިލުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލައިފިއެވެ.

ހުޅުމާލޭ ރަށު މާރުކޭޓުން ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 25 ގޮޅިއެވެ. އެއީ 73.3 އަކަފޫޓުގެ ގޮޅިތަކެވެ. މިއިން ކޮންމެ ގޮޅިއެއް ދޫކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި ބީލަން ފަށާ އަގަކީ، 3500ރ. ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މި ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކުން، އާބަންކޯއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކާ ހުރެގެން ނުވާނެއެވެ. މީގެ އިތުރުން އެ ފަރާތްތަކަކީ މިހާރު ގޮޅިއެއް ގެންގުޅޭ ފަރާތަކަށް ނުވުން ވަނީ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައެވެ.

ރަށު މާރުކޭޓަށް ހުށަހަޅާ ބީލަންތައް ބަލައިގަންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 9:30 އިން 11:00 އާއި ހަމައަށެވެ. މިކަން ކުރިއަށްދާނީ ރެހެންދި ސްކޫލު ހޯލުގައެވެ. އަދި އެދުވަހު 11:00 އިން ފެށިގެން ބީލަން ހުޅުވުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ބީލަން ކާމިޔާބުވާ ފަރާތްތަކަށް ގޮޅިއެއް އިޙްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނީ، ސެެޕްޓެމްބަރު 5 ވާ އަނގާރަ ދުވަހު އެވެ. އެކަން އޮންނާނީ އެޗްޑީސީ ބިލްޑިންގް ގެ އެގްޒިބިޝަން ސެންޓަރުގައެވެ.

ހުޅުމާލެގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓަކީ ލޯކަލް މާރުކޭޓެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަރައްޤީކޮށްފައިވާ ތަނެކެވެ. މި ގޮޅިތައް ތަރައްޤީ ކޮށްފައިވަނީ ވިޔަފާރި ހިންގުމަށް ބޭނުންވާ އަސާސީ ހުރިހާ ވަސީލަތަކާއިއެކުއެވެ.