ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާއި ޙިލާފަށް ވަދެގެން އުޅުނު ލަންކާ މަސް ބޯޓެއް ދިވެހި ކޯސްޓް ގާޑުން އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގައި 7 މީހުންނާއިއެކު މަސްވެރިކަން ކުރަމުން ދިޔަ މި ބޯޓު އަތުލައިގެންފައި ވަނީ ދިވެހި އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "ދުރުރާސްތާ 10" ދޯނިން އެމްއެންޑީއެފްއަށް ރިޕޯޓު ކުރުމުންނެވެ. މި ބޯޓު އަތުލައިގެންފައި ވަނީ ހއ. ފިއްލަދޫގެ 15.2 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.
މި ބޯޓު އަތުލައިގެންފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މިވަގުތު ބޯޓު ކުޅުދުއްފުޓަށް ބަނދަރުކޮށްފައިވާއިރު، ބޯޓު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓުތައް ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ދޭތެރެ ދޭތެރެއިން އަތުލައިގަނެވެއެވެ. ގިނަ ފަހަރު މިފަދަ ބޯޓުތައް ފެންނަނީ ދިވެހި މަސް ބޯޓުތަކަށެވެ. އެފަދަ ހާލަތެއްގައި މަސް ބޯޓުތަކުން އެމްއެންޑީއެފްއަށް އެކަން ރިޕޯޓު ކުރެއެވެ.