ކަސްޓަމްސް ބެލުމުގެ ދަށުގައި ހުރި ގިނަ ރާއްޖެ އެތެރެކުރުން މަނާ ގިނަ ތަކެތި އައްޑޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ނައްތާލައިފިއެވެ.
އައްޑޫ ކަސްޓަމްސް ބެލުމުގެ ދަށުގައި ހުރި މިތަކެތީގެ ތެރޭގައި ބޮޑަށް ހިމެނެނީ ބަނގުރާ އެކުލެވޭ ބާވަތްތަކާއި، ދުންފަތުގެ ބާވައްތަކުގެ އިތުރުން، ޤާނޫނާއި ޤަވާއިދުގެ ތެރެއިން ރާއްޖެ އެތެރެކުރުން މަނާ ތަކެއްޗެވެ. މި ތަކެތި ނައްތާލާފައިވަނީ ހޯމަ ދުވަހު ހެނދުނު އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ކުނިކޮށީގައެވެ.
ނައްތާލެވުނު ތަކެތީގެ ތަފްސީލް؛
- ސިނގިރޭޓި – 91،119 ސްޓިކް
- ބަނގުރާ – 32 ފުޅި
- ބިޔަރު (ބަނގުރާ އެކުލެވޭ) – 7 ދަޅު
- ދުންފަތް – 119.4 ކިލޯގްރާމް
- ޤާނޫނާއި ޤަވާއިދާ ހިލާފު ތަކެތި – 3 އައިޓަމް
މިތަކެއްޗަކީ ކަސްޓަމްސް އާންމުގެ ޤަވާއިދު 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސް ކޮންޓްރޯލް ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެއްޗެވެ. މި ތަކެތި ނައްތާލަން ކަސްޓަމްސް ޤަވާއިދުގައި ވަކި އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ.