Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ނޮވެމްބާ" އަންނާނީ ޑިސެމްބަރުގައި

ޑާކް ރެއިން އެންޓަޓައިންމަންޓުން ބެލުންތެރިންނަށް ނުގެނެސްދެވި ދިގުލައިގެން ގޮސްފައި އޮތް އެ ސްޓޫޑިއޯގެ ޑްރީމް ޕްރޮޖެކްޓް "ނޮވެމްބާ" މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ނިންމައިފި އެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ އިން މިއަދު ބުނީ މި ލޯބީގެ ފިލްމު އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު 4 ގައި ކަމަށެވެ. "ނޮވެމްބާ" އަކީ އެންމެ ފުރަތަމަ ޖުލައި 6، 2020 ގައި ރިލީޒްކުރަން ތާވަލުކުރި ފިލްމެކެވެ. މި އަހަރުގެ ޑިސެމްބަރު 4 އަށް ފިލްމު ތާވަލުކުރީ ޑާކް ރެއިން އެ ތާރީހުގައި ގެނެސްދޭން ނިންމާފައި އޮރް ރިވެންޖް ތުރިލާ "ފުރޭތަ" އަންނަ އަހަރުގެ ޖެނުއަރީ 8 އަށް ފަސްކުރުމަށް ފަހު އެވެ.

"ނޮވެމްބާ" ގެނެސްދިނުން ލަސްވި ސަބަބުތަކުގެ ތެރޭގައި 2020 ގެ ތެރޭގައި ކޮވިޑާ ހެދި އޮލިޕަސް ބަންދުކުރަން ޖެހުމާއި ފިލްމުގެ ލީޑް ބަތަލު ޖުމައްޔިލް ނިމާލު (ޖުމަލް) ގެ މައްޗަށް ތުހުކުރެވުނު ތުހުމަތުތައް ހިމެނެ އެވެ. ނަމަވެސް ފިލްމުގެ ހުރިހާ މަސައްކަތެއް ނިމިފައި އޮތުމާއި ފިލްމު ގެނެސްދޭން މިހާރު "އިޝޫތަކެއް" ނެތުމުން މި އަހަރު ބެލުންތެރިންނަށް ފިލްމު ދޫކޮށްލަން ނިންމީ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

"މީގެ މަސައްކަތް ނިމިފައި އޮންނަތާ ވެސް ތިން އަހަރެއްހާ ދުވަސްވެއްޖެ. އެހެންވެ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން މިއީ ރަނގަޅު ވަގުތަކަށްވާތީ ރިލީޒްކުރާ ތާރީހު ފައިނަލް މިކުރީ." އޭނަ ބުންޏެވެ.

"ނޮވެމްބާ" އަކީ ޑާކް ރެއިނުން މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހެދި ފިލްމު ވެސް މެ އެވެ. ސިންގަޕޫރާއި އައްޑު އާއި ލ. އަތޮޅުގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަންޒަރުތަކެއް ނަގާފައިވާ އަދި ބޮޑު ކާސްޓެއް ފެންނާނެ މި ފިލްމަށް ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

"ނޮވެމްބާ" ގެ ލީޑުން ފެންނާނީ ދިވެހި ސިނަމާއިން މި ފަހުން އެންމެ މަގުބޫލުވި ޖޯޑުގެ ގޮތުގައި ފާހަގަކޮށްލެވޭ ޖުމަލް އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ދެ ތަރިންގެ ކެމިސްޓްރީ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާއެކީ" އަދި "ވަކިން ލޯބިން" ހިމެނެ އެވެ.

"ނޮވެމްބާ" ގެ ވަރަށް ހާއްސަ ރޯލަކުން ސިންގަޕޫރްގައި ދިރިއުޅޭ ރާއްޖޭގެ ކުރީގެ ތަރި އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.

މި ފިލްމަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި އެޅުވި "ބީވީމާ" އެވެ.