Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

ސިޓީން ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީގައި 4-5 އިން ސެވިއްޔާ ބަލިކުރުމަށްފަހު ޔޫއެފާ ސުޕަ ކަޕް ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސިޓީ އާއި ޔުރޮޕާ ލީގުގެ ތަށި ހޯދި ސެވިއްޔާގެ މެދުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސެވިއްޔާ އިންނެވެ. އެގޮތުން އަކޫންޔާ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން މެޗުގެ 25 ވަނަ މިނެޓްގައި ސެވިއްޔާ އަށް މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޔޫސުފް އެން ނެސީރީ އެވެ. ނެސީރީ އަށް ވަނީ ދެވަނަ ހާފްގައި ސެވިއްޔާގެ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ މަތަކުރީ ސިޓީގެ ގޯލްކީޕަރު އެޑަސަން އެވެ.

ދެވަނަ ހާފްގައި ސިޓީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ ސެވިއްޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓްގައި ސިޓީގެ ޒުވާން ފޯވާޑް ކޯލް ޕާމާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޕާމާ މި ގޯލު ކާމިޔާބުކުރީ ސެވިއްޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް ރޮޑްރީ ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. ސިޓީން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ސެވިއްޔާ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނީ ނެމަންޔާ ގުއެލްޖް ފޮނުވާލި ޕެނަލްޓީ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.