އިންޑިއާގެ ޒުވާން ބަތަލާ ޑިޝާ ޕަޓާނީ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައިފި އެވެ.
"ބާގީ 2" އާއި "މަލަންގް" އާއި "ރާދޭ" އާއި "އޭކް ވިލަން ރިޓާންސް" ފަދަ ފިލްމުތައް ކުޅެފައިވާ 32 އަހަރުގެ ބަތަލާގެ ފުރަތަމަ ޑައިރެކްޝަނަކީ އަމިއްލަ އަށް ކުޅެފައިވާ ވީޑިއޯ ލަވައެކެވެ. އަންނަ ހޯމަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ވީޑިއޯ ލަވައިގެ ނަމަކީ "ކިއޫ ކަރޫ ފިކުރު؟" އެވެ. މީގެ ޓީޒާއެއް ވެސް ޑިޝާ މިހާރު ވަނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ.
ޑިޝާ ޑައިރެކްޓްކުރި މި ވީޑިއޯ ލަވަ އަކީ ވައިބާވް ޕާނީގެ މިއުޒިކަށް ނިކިތާ ގާންދީ ކިޔާފައިވާ ލަވައެކެވެ. ނިކިތާ އަކީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކަކަށް ލަވަ ކިޔާފައިވާ ފަންނާނެކެވެ.
އެކްޓަރު ޓައިގާ ޝްރޮފްގެ ކުރީގެ ލޯބިވެރިޔާ ޑައިރެކްޝަނަށް ނުކުތް އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެމްބަރު 15 އަށް ތާވަލުކޮށްފައި އޮތް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އެކްޝަން ތުރިލާ "ޔޯދާ" އެވެ. ސާގަރު އަމްބްރޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ސިދާތު މަލްއުތުރާ އާއި ރާޝީ ކަންނާ ވެސް ހިމެނެ އެވެ.
ޑިޝާގެ ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި ޕްރަބާސް އާއި ދީޕިކާ ޕަދްކޯންގެ "ކަލްކީ" އަދި ތަމަޅަ ފިލްމު "ކަންގޫވާ" ހިމެނެ އެވެ.