Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު ރިޔާސީ އިންތިހާބް

ނާޒިމްގެ މެނިފެސްޓޯ: "ރައްޔިތުން މުއްސަނދިކުރުވާ، އުޖާލާ ޒަމާނަކަށް ގެންދާނެ"

އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އައްޑޫލައިވްއަށް އިންޓަވިއު ދެއްވަނީ- ފޮޓޯ: އެމްއެންޕީ

މެނިފެސްޓޯ ތައްޔާރު ކޮށްފައިވާނީ ރައްޔިތުން މުއްސަނދިކުރުވާ، އުޖާލާ ޒަމާނަކަށް ގެންދެވޭނެ ސިޔާސަތުތަކާ އެކުކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާޒިމް އަންނަނީ ކެމްޕޭނަށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން ކެމްޕޭންގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން "އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކެމްޕޭންގެ ހަރަކާތްތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ކެމްޕޭންގައި މައިގަނޑު ގޮތެއްގައި ފެނުނީ ރައްޔިތުންގެ ނިކަމެތިކަން ކަމަށާއި، ފެނުނީ ރައްޔިތުން ވަރަށް ބޮޑަށް އެކި ކަންކަމުގައި އެދެމުންދާ މަންޒަރު ކަމަށެވެ.

"އެހެންމަ، އަޅުގަނޑު އިރާދަކުރެއްވިއްޔާ މިއަންނަނީ ރައްޔިތުންނަށް އެ ބޭނުންވާކަންތައް ފުއްދައިދީ އެކަންކަން ކޮށްދިނުމަށްޓަކައި. މެނިފެސްޓޯގައި ހިމެނިފައި ހުންނާނީ އެ މުހުތާދުތައް ފުއްދޭނެ ކަހަލަ ވައުދުތަކެއް." ނާޒިމް ވިދާޅުވިއެވެ.

މިހާރު ހިނގާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ރަށްރަށުގައި ރައްޔިތުންގެ ތާއީދު ވަރަށް ކުޑަކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ތަފާތު ބަދަލެއް ގެނައުމުގެ ރޫހު ރަށްރަށުގައި އެބަހުރި ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ރަނގަޅު ވައުދުތަކާއި ސިޔާސަތުތައް ހުރީ އެމްއެންޕީގައި ކަމަށް ރައްޔިތުންނަށް ވިސްނައިދިނުމުގެ މަސައްކަތް ކުރައްވަމުންދާކަމަށާއި އެކަމުގައި ގޮތެއް ނިންމަވާނީ ރައްޔިތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އައްޑޫލައިވްއަށް އިންޓަވިއު ދެއްވަނީ- ފޮޓޯ: އެމްއެންޕީ

މީގެއިތުރުން ނާޒިމް ވިދާޅުވީ ފެނާ ނަރުދަމާ އަދި ފެނަކަ އޮފީސް އެކަނި ރަށްރަށުގައި ހެދުމަކުން ރައްޔިތުންގެ ބޭނުންތައް ނުފުދޭ ކަމަށާއި ރައްޔިތުންނަށް ފައިސާ ލިބޭނެ އިގްތިސާދެއް ނެތްކަމަށެވެ.

"އަޅުގަނޑު މި އަންނަނީ ރައްޔިތުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވަން. އިގްތިސާދީ ގޮތުން ފައިސާ ލިބޭނެގޮތް ރައްޔިތުންނަށް ހަދައިދޭން. އެގޮތުން ވިޔަފާރިތައް ފުޅާކޮށް، ވިޔަފާރިތައް އުފައްދަން މި އަންނަނީ. އަދި އިގްތިސާދީ ހަރަކާތްތައް ހިންގަން ރޭވިފައިއެބަހުރި. އޭގެތެރޭގައި ގެސްޓްހައުސް ސިޔާސަތު، ބޯހިޔާވަތިކަމުގެ ސިޔާސަތު، ހެލްތް ފެސިލިޓީސް ރަނގަޅުކުރުން، ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުން ވެސް މެނިފެސްޓޯގައި ހިމެނިފައިވާނެ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ މެނިސްފެސްޓޯއަކީ ރައްޔިތުން މުއްސަނދި ކުރުވާ މެނިފެސްޓޯއަކަށް ވާނެ ކަމަށެވެ. އެ މެނިފެސްޓޯއަކީ ރައްޔިތުން މިހާރުތިބި ހާލަތުން އުޖާލާ ޒަމާނަކަށް ގެންދާ މެނިފެސްޓޯއަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށްގެންދާއިރު، ނާޒިމް ވަނީ ނ. ރ. ބ. އަދި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރައްވާފައެވެ. އަދި މި ހަފްތާގައި ނާޒިމް ވަނީ މ. ފ. ދ. އަދި ތ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ދަތުރުކުރައްވާފައެވެ.