Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ނުހިއްކާ ސަރަހައްދުގެ ބަދަލުގައި ހިކިފަސްތާކުން ބޯހިޔާވަހިކަން ލިބެންޖެހޭ

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: އަހްމަދު އަންވަރު

ނުހިއްކާ ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ހިކިފަސްތާކުން ބޯހިޔާވަހިކަން ލިބެންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމުގެ ގުރުއަތުނެގުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް، މާލެ ސަރަހައްދުގެ ހިކިފަސްތާކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ގިރާވަރުފަޅު ހިއްކުމުގެ ވާހަކައަކީ ވަރަށް ދުރުގައި އޮތް ވާހަކައެއް ކަމަށްވެސް ވިދާޅުވިއެވެ.

"ގިރާވަރުފަޅު ހިއްކާ ވާހަކައަކީ އަދި މާބޮޑު ޕްލޭންއެއް ނެތް ވަރަށް ދުރު ވާހަކައެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބިން ވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގުރު ނެގުން އޮންނާނީ ކުރިއަށްދަމުންނެވެ. ބިންވެރިޔާ ސްކީމުގެ ގޯތީގެ ބޮޑު މިނާއި ދޫކުރާ ތަންތަން:

* 1،250 އަކަފޫޓު: 3،551 ގޯތި (ހުޅުމާލެ 250 ގުޅީފަޅު 260 ގިރާވަރު 3041)
* 1،650 އަކަފޫޓު: 2،802 ގޯތި (ހުޅުމާލެ 340 ގުޅީފަޅު 558 ގިރާވަރުފަޅު 1904)
* 2،050 އަކަފޫޓު: 1،547 ގޯތި (ހުޅުމާލެ 370 ގުޅީފަޅު 690 ގިރާވަރުފަޅު 487)
* 2،450 އަކަފޫޓު: 656 ގޯތި (ހުޅުމާލެ 180 ގުޅީފަޅު 476)
* 2،850 އަކަފޫޓު: 254 ގޯތި (ހުޅުމާލެ 100 ގުޅީފަޅު 154)
* 3،250 އަކަފޫޓު: 109 ގޯތި (ހުޅުމާލެ 60 ގުޅީފަޅު 49)
* 3،650 އަކަފޫޓު: 53 ގޯތި (ހުޅުމާލެ 31 ގުޅީފަޅު 22)
* 4،000 އަކަފޫޓު: 29 ގޯތި (ހުޅުމާލެ 20 ގުޅީފަޅު 9)

މީގެ ތެރެއިން، 1250 އަކަފޫޓ،ުގެ 3551 ގޯއްޗަކީ ސިންގަލް އެޕްލިކަންޓުންގެ ގޮތުގައި ހުށަހަޅައިގެން ގޯތި ލިބުނު މީހުންނެވެ. އަދި 1،650 އަކަފޫޓުގެ 2802 ގޯއްޗަކީ ދެ މީހަކު އެކުވެގެން އެޕްލިކޭޝަން ހުށަހެޅި މީހުންނެވެ. ގޯތީގެ ބޮޑުމިން ބަލާފައި ވަނީ އެޕްލިކޭޝަނަށް ޖޮއިންޓުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުުވާ ގޮތަށެވެ. ހަތަރުހާސް އަކަފޫޓުގެ 29 ގޯތި ލިބެނީ މަދުވެގެން އަށް މީހުން އެކުވެގެން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.

"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ރޭ އިޢުލާންކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި އިރު، މިހާރު ލިބެން ހުރި 9،003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެވެ.