Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އަމީޝާގެ އާ ފިލްމެއް އަންނަ މަހު

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ގަދަރު 2" ބޮލީވުޑްގެ ބޮކްސް އޮފީހުގައި ރަސްކަންކުރަމުންދާ އިރު، އެ ފިލްމުގެ ބަތަލާ އަމިޝާ ޕަޓޭލްގެ އާ ފިލްމެއް އަންނަ މަހު ގެނެސްދޭން ނިންމައި އޭގެ ޓީޒާ ޓްރެއިލާއެއް މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 1 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ "މިސްޓްރީ އޮފް ދަ ޓެޓޫ" ކިޔާ ތުރިލާއެކެވެ. މީގެ ކާސްޓްގައި އަރުޖުން ރާމްްޕާލް އާއި ޑެއިޒީ ޝާހްގެ އިތުރުން އަލަށް ތައާރަފުވާ އެކްޓަރެއް ކަމަށްވާ ރޯހިތު ރާޖް ހިމެނެ އެވެ.

ރިތިކް ރޯޝަނާ އެކީ "ކަހޯ ނާ ޕިޔާރު ހޭ" އިން ބޮލީވުޑަށް ނުކުތް އަމީޝާ، 48، އާއި އަރުޖުން ކުރިން ވެސް އެކީގައި ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ 2005 ގެ "ވާދާ" އެވެ. އަމީޝާ އަކީ މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ބަތަލާ އެވެ.

އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ "މިސްޓްރީ އޮފް ދަ ޓެޓޫ" އަކީ ކަލައިއަރާސީ ސަތައްޕަން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.