ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ޝޯއެއްގެ ތެރޭގައި ސްޓޭޖުން ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއަކާ އެކީ ގިނަ ބައެއްގެ ސަމާލުކަން އެއަށް ލިބިއްޖެ އެވެ.
ޓްވިޓާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ސްޓޭޖް މަތީގައި ލަވަކިޔަމުން ގޮސް، ސްޓޭޖް ކޮޅާދިމާލުން ފައި ސޮއްސާލައި، ނިކް، 30، ވެއްޓޭ ތަނެވެ. އެކަމަކު އެކަން މާ ބޮޑު ކަމަކަށް ނުވަނީސް އޭނަ އަމިއްލަ އަށް ތެދުވެން ޕަފޯމްކުރަމުން ސްޓޭޖް މައްޗަށް އަރައިގެން ދުވެފައިވާ ތަން ފެނެ އެވެ.
މި ކަމެއް ހިނގާފައި މި ވަނީ ނިއު ޔޯކްގައި ބޭއްވި ޝޯއެއްގެ ތެރޭގަ އެވެ.
CALL TMZ!!!!! NICK FELL!!!!! pic.twitter.com/RY6Drl5dwU
— h 🍒🪩 (@x0heathyyy) August 16, 2023
ނިކް އަކީ އޭނަގެ ބޭބެއިންނާ އެކީ "ޖޯނަސް ބްރަދާސް" ގެ ނަމުގައި ބޭންޑެއް ހިންގަމުން އަންނަ ފަންނާކެވެ. ނިކްގެ އިތުރުން ކެވިން ޖޯނަސް އަދި ޖޯ ޖޯނަސް ހިމެނޭ މި ބޭންޑްގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ މެއި މަހުގެ 12 ގައި ނެރުނު "ދި އަލްބަމް" އެވެ. މީގެ ޕްރޮމޯޝަނަށް "ޖޯނަސް ބްރަދާސް" އިން އަންނަނީ "ފައިން އަލްބަމްސް. ވަން ނައިޓް. ދަ ވޯލްޑް ޓުއާ" ގެ ނަމުގައި ޓުއާއެއް ބާއްވަމުންނެވެ. މި މަހުގެ 12 ގައި ފެށި އެ ޓުއާ ނިންމައިލާނީ އަންނަ އަހަރުގެ ޖޫން 20 ގަ އެވެ.
ޓުއާގެ ތެރެއިން މިހާތަނަށް 94 ޝޯ ދީފައިވެ އެވެ. ނިއު ޔޯކް ޝޯ އަކީ ވެސް އޭގެ ތެރެއިން ޝޯއެކެވެ.
ނިކް އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއް ވެސް މެ އެވެ.