Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ބޮޑު ޗުއްޓީ އާއި ރިސޯޓް މުވައްޒަފުންގެ ކަންބޮޑުވުން ހައްލު ކުރާނަން

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރުމުގައި ރިސޯޓް މުވައްޒަފުންގެ ހުރި ކަންބޮޑުވުމަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ފަށާ ގޮތަށް އަލުން ބަދަލުކުރައްވާނެ ކަމަށެވެ.

އެ ވާހަކައާ ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު އެކަމާ ގުޅޭގޮތުން މުއިއްޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ކެމްޕޭން ޖަލްސާގައި އިއުލާން ކުރެވުނު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުމާއި މެދު ރިސޯޓު ތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށެވެ. އެ ކަންބޮޑުވުމަށް ހައްލު ގެނެސްދޭނެ ކަމަށާއި، އެކަމުގެ ތަފްސީލު މިރޭ ފ.ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގެނައި ބަދަލާއެކު ސްކޫލު ބަންދު ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް ކަމަށާއި އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ކުޅިވަރުގައި ބައިވެރިވާ ކުދިންނަށް ޗުއްޓީގެ ބޮޑު ބައެއްވެސް ގެއްލޭ ކަމަށެވެ.