ރައީސް ޔާމީންގެ މައްސަލައަކީ ކޯޓު މަރުހަލާގައި އޮތް ކަމެއް ކަމަށާއި، ރާއްޖޭގެ ދާޙިލީ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ އައިސްފައިވާ އީޔޫ އޮބްޒާވަރުންގެ ޓީމުން ބުނެފިއެވެ.
ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމަށް އެހީތެރިވުމަށް، ރައީސް މުހައްމަދު ނަޝީ ދު ވަނީ ދާދި ފަހުން، ރިޔާސީ އިންތިޙާބުގެ ކަންކަން ހިނގާގޮތް ބެލުމަށް ރާއްޖެ އައިސްފައިވާ އޮބްޒާވަރުންގެ ޓީމުގެ އަރިހުގައި އެދިވަޑައިގެންފައެވެ. މިމައްސަލައިގައި ވާހަކަ ދައްކަވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮބްސާވަރުންގެ ޓީމުގެ ކޯ-ޓީމުގެ ޗީފް އޮބްޒަރވަރގެ ގޮތުގައި ހަމަޖައްސަވާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރ ވިދާޅުވީ، ޔާމީން މައްސަލައަކީ އޮތީ ޝަރުޢީ މަރުހަލާގައި ކަމަށެވެ.
އަދި މައްސަލައިގެ ތެރެއަށް ވަންނަން ބޭނުން ނުވާކަން ހާމަކޮށް އޭނާ ވިދާޅުވީ، އެ ޓީމުން ރާއްޖެ އައީ އިންތިހާބު އޮބްޒާވް ކުރުމަށް ކަމަށާއި، އިންތިހާބުގައި ވަކި ފަރާތަކަށް ބުރަ ނުވާނެ ކަމަށެވެ. އަދި ދިވެހިން ކޮންމެ ގޮތެއް ނިންމިއަސް އިންތިހާބުގައި އިންތިޒާމު ހަމަޖެހިފައިވަނީ އިންސާފުންތޯ ބެލުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ނަޝީދު އަދި މަޖިލީހުގެ އެހެން ބޭފުޅުންނަށްވެސް ދަންނާވާފައިވާނީ، އަޅުގަނޑުމެންގެ މަސައްކަތަކީ އޮބްޒާވް ކުރުން ކަމަށް. އެހެން ކަމުން ޝަރުޢީ މަރުހަލާގައި އޮތް ކަމަކަމަށް އަޅުގަނޑުމެންނަށް އެއްވެސް ބަހެއް ނުބުނެވޭނެ. ޔާމީން މައްސަލާގައިވެސް އަޅުގަނޑުމެން ދަންނަވާފައިވާނީ އެއީ މިހާރު ހިނގަމުންދާ ނުވަތަ ނިމިފައިވާ މައްސަލަތަކެއް ކަމުން، ދާހިލީ ކަމެއްގެ ތެރެއަށް ނުވަދެވޭނެ " ނާޗޯ ވިދާޅުވިއެވެ.
އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ރާއީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ޕީޕީއެމްއިން ނަޝީދުގެ ޑިމޮކްރެޓް ޕާޓީއާއި ގުޅުމަށް ނަޝީދު ދަނީ ތަކުރާރުކޮށް ދައުވަތު އަރުވަމުންނެވެ. އަދި ދާދި ފަހުން ވަނީ ޕީޕީއެމް އެކުގައި މަސައްކަތް ކުރަން އެއްބަސްވާތާ ހަފްތާއެއް ތެރޭ ޔާމީން މިނިވަންކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔަމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނުގެ މައްސަލަ އޮތީ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައެވެ. މީގެ އިތުރުންވެސް ބައެއް މައްސަލަތައް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. މިމައްސަލާގައި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ކަންބޮޑުވުން ނެތުމުން ޕީޕީއެމްއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.