ތިން ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އަށް ހަވާލު ކޮށްފިއެވެ.
މިއަދު އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއާއި، ހއ. އިހަވަންދޫ މަސްގަންނަ ފެސިލިޓީ ހާބަރ ތަރައްޤީކުރުމުގެ މަޝްރޫއު އަދި ގދ. މަޑަވެލީ ބިންހިއްކުމުގެ މަޝްރޫއެވެ.
އެގޮތުން ހއ. އިހަވަންދޫ މަސްގަންނަ ފެސިލިޓީ ހާބަރ ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 60.2 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ރިވެޓްމެންޓް ޖެހުމާއި، ޝީޓްޕައިލް ކީވޯލް ޖެހުމާއި، އެލް ބްލޮކް ކީވޯލް ޖެހުން، ނެރު ބައްތި ޖެހުން، މަގު ބައްތި ޖެހުން، އެއްގަމުތޮށި ވަށައިގެން ޕޭވްމަންޓް އެޅުން ފަދަ ކަންކަން ހިމެނެއެވެ.
ގދ. މަޑަވެލީ ބިންހިއްކުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 77.9 މިލިއަން ރުފިޔާއަށް 390 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން، ގދ. މަޑަވެލީގައި 8.85 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 628 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހިގެން ދާނެއެވެ.
މީގެއިތުރުން ގއ.ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ދެކުނު ފަރާތަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ 44.3 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.
މި ތިން މަޝްރޫއު އެމްޓީސީސީ އަށް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.