ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން އިއުލާންކޮށްފި އެވެ.
އެގޮތުން މި މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު އަދި އިނގިރޭސި އެފްއޭކަޕް ހޯދި ދެ ކުޅުންތެރިން ކަމަށްވާ އާލިންގް ހާލަންޑް އާއި ކެވިން ޑި ބްރޭނާގެ އިތުރުން މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ކުޅުނު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.
މި އެވޯޑު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސިޓީގެ އިތުބާރު ފޯވާޑް ހާލަންޑް އެވެ. އެގޮތުން ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ސިޓީ އަށް ތިން ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ 52 ގޯލު ކާމިޔާބުކޮށް އެތައް ރެކޯޑެއް މުގުރާލައިފަ އެވެ.
ޔޫއެފާގެ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ތިން ކޯޗުން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެ ތިން ކޯޗުންނަކީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ އާއި އިންޓަމިލާނުގެ ކޯޗު ސިމޯނޭ އިންޒާގީގެ އިތުރުން އިޓާލިއަން ލީގު ނަޕޯލީ އަށް ހޯދައިދިން ލޫސިއާނޯ ސްޕެލައްޓީ އެވެ.
މި އެވޯޑު ލިބޭ ފަރާތްތައް އިއުލާން ކުރާނީ މި މަހުގެ 31 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ބާއްވާ ރަސްމިއްޔާތުގަ އެވެ.