ޕާކިސްތާން މަޝްހޫރު ބަތަލާ މާހިރާ ޚާން ދެވަނަ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފުރަތަމަ ކައިވެނި ރޫޅުނު އިރު، ފިރިހެން ދަރިއަކު ވެސް ހުރި 38 އަހަރުގެ ބަތަލާގެ ދެވަނަ ކައިވެނި އޮންނާނީ އަންނަ މަހު ކަމަށް މީޑިއާތަކުން ބުންޏެވެ.
މާހިރާގެ އާ ބައިވެރިޔަކީ ވިޔަފާވެރިއެއް ކަމަށްވާ ސަލީމް ކަރީމެވެ. އޭނަ އަކީ ޕާކިސްތާންގެ ސްޓާޓަޕެއް ކަމަށްވާ ސިމްޕައިސާގެ ސީއީއޯ އެވެ. މީޑިއާތަކުން ބުނީ މާހިރާ އާއި ސަލީމް ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްތަކެއްވެއްޖެ ކަމަށާއި އެ މީހުންގެ ކައިވެނީގެ ހަފުލާ އަންނަ މަހު ބާއްވާނީ ހަމައެކަނި ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންނާ އެކީގައި ކަމަށެވެ.

ޕާކިސްތާންގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ މާހިރާ އާއި އަލީ އަސްގަރީ 2007 ގައި ކުރި ކައިވެނި ރޫޅިފައި ވަނީ 2015 ގަ އެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ 2016 ގެ ފިލްމު "ރައީސް" ގެ ބަތަލާގެ ރޯލު ކުޅުނު މާހިރާގެ އެންމެ ފަހުގެ ފިލްމަކީ ފަވާދު ޚާނާ އެކީ ކުޅުނު މިދިޔަ އަހަރު "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" އެވެ.
އެ ދެ ތަރިންނަކީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ސިލްސިލާ "ހަމްސަަފަރު" ގެ ވެސް ދެ ތަރިންނެވެ.
މާހިރާގެ ކުރިއަށް އޮތް ފިލްމަކީ "ނީލޯފަރު" އެވެ. އަދި އަންނަ މަހުގެ ތެރޭގައި އޭނަގެ އާ ސިލްސިލާ "ރާޒިއާ" ވެސް ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ އެވެ. މާހިރާގެ އެންމެ ފަހުގެ ސިލްސިލާ އަކީ މިދިޔަ އަހަރު ހަމް ޓީވީން ގެނެސްދިން "ހަމް ކަހާ ސޭ ސައްޗޭ ތޭ؟" އެވެ.