Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ބްރިޓްނީގެ ތިން ވަނަ ކައިވެނި ވެސް ފެއިލް!

ކައިވެނިކުރިތާ 14 މަސް ދުވަސް ފަހުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އާއި ފިރިމީހާ ސާމް އަސްގަރީ ވަރިވާން ނިންމައިފި އެވެ.

މިކަން މީޑިއާތަކަށް ކަށަވަރުކޮށް ދެމުން އިރާން ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސާމް ބުނީ ކައިވެނި ރޫޅައިލަން ވަރަށް އަވަހަށް ކޯޓަށް ވެސް ހުށަޅަން ނިންމާފައިވާ ކަމަށެވެ. އޭނަ ބުނީ ބްރިޓްނީއާ ވަރިވި ނަމަވެސް ދެ މީހުންގެ މެދުގައި އަބަދު ވެސް ގާތް އެކުވެރިކަން އޮންނާނެ ކަަމަށެވެ.

ސާމް އަކީ ފިޓްނެސް އިންސްޓްރަކްޓަރެއްގެ އިތުރުން އެކްޓަރެއް އަދި މޮޑެލްއެކެވެ.

ހަ އަހަރު ވަންދެން ރައްޓެހިގެން އުޅުމަށް ފަހު ސާމް، 29، އާއި ބްރިޓްނީ، 41، ކައިވެނިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު އެވެ. ކައިވެނީގެ ކުރިން ސާމްގެ ދަރިއަކަށް ބްރިޓްނީ ބަލިވެއިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލްގައި ބަލިވެއިކަން އިއުލާންކުރުމަށް ފަހު، ޖެހިގެން އައި މަހު ދަރިފުޅު ބައިގެން ގޮސްފައިވާ ކަމަށް ބްރިޓްނީ ބުނެފައިވެ އެވެ.

"ބޭނީ ވަން މޯ ޓައިމް" އާއި "އޫޕްސް! އައި ޑިޑް އިޓް ގެއިން" ފަދަ މަޝްހޫރު އެތައް ލަވައެއް ގެނެސްދިން ބްރިޓްނީ އާއި ސާމްގެ ކައިވެންޏަކީ އަބަދު ވެސް "މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ" ބްރިޓްނީގެ ތިން ވަނަ ކައިވެންޏެވެ. އޭނަ އަށް ކުރިން ވެސް ދެ ދަރިން ލިބިފައިވެ އެވެ.

އޭނަގެ ދަރިންގެ ބައްޕަ އަކީ ކެވިން ފެޑަލިން އެވެ. އެ ކައިވެންޏަށް ލިބުނު ޝޯން ޕްރެސްޓަން ފެޑަލީން، 17، އާއި ޖޭޑެން ޖޭމްސް ފެޑެލީން، 16، އެވެ. ކެވިން އާއި ބްރިޓްނީ 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ. އެ ކައިވެނީގެއެލެން އެގްޒެންޑާ ކިޔާ މީހަކާ ވެސް ބްރިޓްނީ ކައިވެނިކުރި އެވެ. ދެހާސް ހަތަރެއްގައި ކުރި އެ ކައިވެނި ރޫޅުނީ ހަމަ އެ އަހަރު އެވެ.

ބްރިޓްނީ ވަނީ މިދިޔަ މަހު އޭނަގެ ބައޮގްރަފީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 24 ގައި ނެރޭނަން އިއުލާންކޮށްފަ އެވެ. އޭގެ ނަމަކީ "ދަ ވުމަން އިން މީ" އެވެ.