އީއްޔެ އާންމުކުރީ ޝަރުތުހަމަވާ މީހުންގެ ލިސްޓު އެކަނި ކަމަށާއި، ފޯމް ހުށަހަޅައިގެން ލިސްޓުގައި ނަން ނެތް ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ކައުންސިލުން އީއްޔެ ވަނީ އައްޑޫއިން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވާ އެންމެންގެ ލިސްޓެއް އާންމުކޮށްފައެވެ. މި ލިސްޓުގައި ބައެއް ފަރާތްތަކުގެ ނަން ނެތް ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. އަދި ޝަރުތު ހަމަނުވާނަމަވެސް ނުވަނީ ކީއްވެ ކަން އެނގެން ނެން ކަމަށް ބައެއް ފަރާތްކުން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން ޝަކުވާ ހުށަހަޅާއިރު، ލިޔަން ޖެހޭ އެއްޗެއް ސާފު ނުވާ ކަމަށް ބައެއް ފަރާތްތަކުގެ ވަނީ ފާހަގަކޮށްފައެވެ.
ލިސްޓުތަކާއި ގުޅިގެން އާންމުންގެ ހުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، ކައުންސިލުން ނިންމީ ޝަރުތު ހަމަވާ އެންމެންގެ ލިސްޓެއް އާންމު ކުރުމަށް ކަމަށެވެ. އެގޮތުން އެ ލިސްޓުގައި މިހާރު އެވަނީ އެ ފަރާތްތައް ކަމަށް ވިދާޅުވިއެވެ. އަދި ފޯމު ނަންބަރު ތަރުތީބުން ލިސްޓު ތަރުތީބު ކުރެވިފައިވާއިރު، އެ މީހެއްގެ ފޯމު ނަންބަރު ނެތީ އެއީ ޝަރުތު ހަމަ ނުވެ ނުވަތަ ފޯމާއެކު ހުށަހަޅަން ޖެހޭ ލިއެކިއުމެއް ނެތުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ޝަކުވާ ހުށަހަޅަންވެސް ކުރު މުއްދަތެއް ދިނީ، މި ކަން އަވަސް ކުރުމަށް. އަވަށު އޮފީސްތަކަށް އެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅާ ފަރާތްތަކަށް އަވަށު އޮފީސްތަކުން ޖަވާބު އަރުވައި، އަދި ފޯމުގައި ހުރި މައްސަލައެއް ނުވަތަ މަދުވާ ލިއުމެއް ހުށަހެޅުމަށް ފުރުސަތު ދޭނެ " ނިޒާރު ވިދާޅުވިއެވެ.
ފޯމުތައް ފުރިހަމަ ނުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އިޤްރާރު ފޯމެއް ސޮއި ނުކުރުމާއި، ހުށަހަޅަން ޖެހޭ އައިޑީ ކާޑު ކޮޕީ، ރެޖިސްޓްރީ ކޮޕީ ނުވަތަ އެހެންވެސް އެ ފަރާތަކާއި ގުޅޭ ލިއުމެއް މަދުވުން ހިމެނެއެވެ.
އައްޑޫސިޓީ ކައުންސިލުން ވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިން 27 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޝަކުވާ ބަލައިގަންނާނީ އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.
އައްޑޫއިން 1000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 4100 މީހުން ކުރިމަތިލާފައިވެއެވެ. އޭގެ ތެރެއިން 3972 ފަރާތެއްގެ ޝަރުތު ފުރިހަމަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އިއުލާން ކޮށްފައެވެ. އަދި ޝަރުތު ހަމަވާ މީހުންގެ ތެރެއިން އިއުލާން ކުރި 1000 ގޯއްޗަށް ބިން މިހާރުވެސް ކަނޑައެޅިފައިވާއިރު، ބާކީ ޝަރުތު ހަމަވާ ފަރާތްތަކަށް ބިންތައް އަދި ކަނޑައަޅާފައި ނުވެއެވެ.
އެފަރާތްތަކަށް ބިން ދިނުމަށް ބަލާއިރު، ހިތަދޫއިން ބިން ދޫކުރަން ހަމަޖެހިފައިވަނީ އަލަށް ހިއްކި ސަރަހައްދުންނެވެ. ފޭދޫގެ މިވަގުތުވެސް ހިއްކާފައި އޮތް ބިމެއް އޮތްއިރު، ހުޅުދޫ އަދި މީދޫންވެސް ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާއިރު، މަސައްކަތް ފެށޭނެ ތާރީހެއް އަދި ހާމަކޮށްފައި ނުވެއެވެ.