މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ (އެމްޓީސީސީ) ދަށުން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ދެކުނުގެ ތިން އަތޮޅު ގުޅުވާލައި، ޙިދުމަތް ދޭން ފަށައިފިއެވެ.
މި ޙިދުމަތް މިއަދު ރަސްމީކޮށް ފަށާފައިވާއިރު، މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ހިލޭ ދަތުރުކޮށް ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްސަދަކީ، ކަސްޓަމަރުން ފެރީ ޝެޑިއުލްއަށް އަހުލުވެރިކޮށް، ޚިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކަސްޓަމަރުންގެ ޙިޔާލާއިއެކު ޚިދުމަތް ފުރިހަމަކޮށް ފުޅާ ކުރުމެވެ. ހިލޭ ދަތުރު ކުރެވޭ މުއްދަތުގައި ގުޅާނީ ރަށު ކައުންސިލަށެވެ.
Route Map & Schedule! pic.twitter.com/A1m0yXtfpl
— MTCC Plc (@MTCCPlc) August 18, 2023
މިއަދު ފެށިގެން ޚިދުމަތުގެ ތެރެއިން ފެރީ ނެޓްވޯކުގެ ޒޯން 5 އަދި ޒޯން 6 ވަނީ ގުޅުވާލާފައެވެ. ޒޯން 5 ގައި ހިމެނެނީ ގ.އ އަދި ގ.ދ އަތޮޅެވެ. ޒޯން 6 ގައި ފުވައްމުލަކު ސިޓީއާއި އަދި އައްޑޫސިޓީ ހިމެނެއެވެ. ޒޯން 6 އަދި 5 ގުޅުވާލާފައިވަނީ 2 ސްޕީޑު ފެރީއެއް ހިމެނިގެން، 2 ފެރީ ރޫޓެއްގައެވެ. އާރްޓީއެލް ފެރީތަކަކީ 50 މީހުންގެ ޖާގަ ހުންނަ އެއާ ކޮންޑިޝަން ކުރެވިފައިވާ އަރާމު ފެރީތަކެކެވެ. އަދި އެންސްޕާ ކާޑު އޮންނަ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭއިރު، ޙާއްސަ އެހީއެއް ބޭނުންވާ ފަރާތްތަކަށް ފަސެހައިން ފެރީގެ ޚިދުމަތް ބޭނުން ކުރެވޭ ގޮތަށް ވަނީ ފަރުމާ ކުރެވިފައެވެ.
މިމަހުގެ 25 އިން ފެށިގެން ފެރީ ޚިދުމަތަށް އަގު ނަގަން ފަށާއިރު، ޓިކެޓް އޮންލައިންކޮށް އާރްޓީއެލް އެޕް މެދުވެރިކޮށް ބުކް ކުރެވޭނެއެވެ. އަދި އޭގެ ފަހުން ކައުންސިލުން ޖާގަ ދޫކުރުން ހުއްޓާލާނެއެވެ. އާރްޓީއެލްގެ ކިއު އާރް ޓިކެޓް ވެބްސައިޓުން ނުވަތަ އެޕްލިކޭޝަނުން ބައްލަވައި ގަންނަވާނެ ގޮތުގެ ވީޑީއޯ މީސްމީޑިއާ އަދި ޔޫޓިއުބް ޗެނަލްތަކުގައި ވަނީ ޝާއިއު ކުރެވިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.
ދެކުނުގެ އާރްޓީއެލް ޚިދުމަތް ފެށިގެން ދިޔައިރު، މިހާތަނަށް ހ.އ، ހ.ދ، ށ، ޅ، ގއ.، ގދ. މި ޚިދުމަތް ވަނީ ފެށިފައެވެ. އަދި މިއަދު އެއްފަހަރާ ދެކުނުގެ ދެ ސިޓީގައި ޚިދުމަތް މިވަނީ ފެށިގެން ގޮސްފައެވެ.