Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދީފި

ހުޅުމާލޭގައި އާއްމުން އުޅޭ ގެތައް، 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް އާބަންކޯ އިން ބަދަލު ގެނެސްފި އެވެ.

އާބަންކޯ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރެޒިޑެންޝަލް ޕްލޮޓުތައް މިހާރު 10 ބުރިއަށް ނުވަތަ 31 މީޓަރަށް އިމާރާތް ކުރެވޭނެ ކަމަށެވެ.

މި ގެނައި ބަދަލާއެކު 15 މީޓަރަށް ވުރެ އުސްވެއްޖެ ނަމަ ލިފްޓް ހަރުކުރަން ޖެހޭނެއެވެ. އަދި ލިފްޓުގެ މެޝިން ރޫމް ބެހެއްޓޭނީ ޓެރަހުގެ ފްލޯ ލެވެލް އިން ފެށިގެން ގިނަވެގެން ހަތަރު މީޓަރަށެވެ.

އިމާރާތް ކުރުމުގެ މި ގަވައިދަށް ގެނައި ބަދަލާއެކު އާބަންކޯ އިން ވަނީ ޕާކިންގެ އާ ޝަރުތުތައް އިތުރުކޮށް އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށް ކަނޑައަޅައިފަ އެވެ.

އެގޮތުން ދެ ކޮޓަރީގެ ކޮންމެ އެޕާޓްމެންޓަކަށް މަދުވެގެން ދެ ސައިކަލް ޕާކު ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭއިރު، އެއް ކޮޓަރީގެ ކޮންމެ އެޕާޓްމެންޓަކަށް އެއް ސައިކަލު ޕާކު ކުރާނެ ޖާގަ ކަނޑައަޅަން ޖެހެ އެވެ.

އާބަންކޯ އިން ބުނީ މި ބަދަލަކީ މިއީ ހުޅުމާލޭގެ އާބާދީއަށާއި މީހުންގެ ބޭނުންތައް އިތުރުވަމުންދާތީ އެންމެންގެ ލާބަޔާއި މަންފާ އަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިގެން ގެނައި ބަދަލެއް ކަމަށެވެ.