Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޝާހްރުކާއި އަންހެނުންގެ އާ އިޝްތިހާރެއް

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއި އަންހެނުން ގޯރީ ޚާން އެކީގައި ފެންނަ އާ އިޝްތިހާރެއް އާންމުކޮށްފި އެވެ.

މިއީ ޑީ'ޑެކޯގެ ބްރޭންޑްގެ ދޮރުފޮތީގެ އިޝްތިހާރެކެވެ. ގޭތެރެ އަށް ހިތްގައިމުކަމާއި ހިތްފަސޭހަކަން ގެނެސްދޭ ގޮތަށް ފަރުމާކޮށްފައިވާ ދޮރުފޮތީގެ އިޝްތިހާރަކުން ޝާހްރުކްގެ ދެމަފިރިން ފެނިގެންދާ އިރު، ގޯރީ އަކީ އިންޓީރިއާ ޑިޒައިނިންއާ ގުޅުން ހުރި މިފަދަ އުފެއްދުންތައް ދޭތެރެ ދޭތެރެ އިން އިޝްތިހާރުކޮށް ދެމުން އަންނަ އިންޑިއާގެ ނުފޫޒު ގަދަ އިންޓީރިއާ ޑިނައިޒަރެކެވެ.

އެގޮތުން ފިރިމީހާ އެކީ ކުރިން ވެސް ގޭތެރޭގެ އުފެއްދުންތަކެއް ގޯރީ އިޝްތިހާރުކޮށްފައިވެ އެވެ.

ތިން ކުދިންގެ މަންމަ ގޯރީ އަކީ ގޯރީ ޑީޒައިން (ޖީޑީ) ގެ ނަމުގައި ލަގްޒަރީ އިންޓީރިއާ ސްޓޫޑިއޯއެއް ހިންގަމުން އަންނަ މީހެކެވެ. އަދި އޭނަގެ މި މަސައްކަތްތަކާ ގުޅޭ ގޮތުން ފޮތްތަކެއް ވެސް ނެރެފައިވެ އެވެ. އެގޮތުން އެންމެ ފަހުން ނެރުނު ފޮތަކީ އިންޓީރިއާ ޑިޒައިނިންގެ އަމިއްލަ ތަޖުރިބާ އާއި އާއިލީ ވާހަކަތަކެއް ހިއްސާކުރި ޖޫންގައި ރިލީޒްކުރި "މައި ލައިފް އިން ޑިޒައިން" އެވެ.

އަމިއްލަ މަސައްޖކަތުގައި ގޯރީ ވަރަށް ކާމިޔާބު މީހަކަށްވެފައިވާ އިރު، ޝާހްރުކަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް އެކްޓަރެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 7 ގައި ރިލީޒްކުރާ "ޖަވާން" އެވެ.