Last Updated: July 15, 17:55
Wednesday, July 15, 2026
ކުޅިވަރު

ކޭންގެ ގޯލުން ބަޔާން މޮޅަކުން ފަށައިފި

ވާޑަ ބްރޭމެން 4-0 އިން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަނު ލީގު މޮޅަކުން ފަށައިފި އެވެ.

ބަޔާނަކީ ފާއިތުވި 11 ސީޒަނުގައި ވެސް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. ބަޔާނުން އާ ސީޒަނަށް ޓީމު ވަރުގަދަކުރަން ގެނައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޓޮޓެންހަމަށް ކުޅެމުން އައި އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން އެވެ. ކޭން ބަޔާނަށް ބަދަލުވީ 100 މިލިއަން ޔޫރޯގެ އަގެއްގަ އެވެ.

ރޭގެ މެޗަކީ ބަޔާންގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކޭން ކުޅުނު ފުރަތަމަ މެޗެވެ. ކޭން ވަނީ މިދިޔަ ހަފްތާގައި ޖަރުމަނު ސުޕަ ކަޕްގައި ރެޑްބުލް ލީޕްޒިގް އަތުން 3-0 އިން ބަޔާން ބަލިވި މެޗުގެ ދެވަނަ ހާފްގައި ބެންޗުން އަރައި ކުޅެފަ އެވެ.

ވާޑަ ބްރޭމަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓްގައި ލީރޯއި ސާނޭ ވަނީ ބަޔާނަށް ލީޑު ނަގައިދީފަ އެވެ. ސާނޭ މި ގޯލު ކާމިޔާބު ކުރީ ކޭން ދިން ޕާހަކުން މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ބަޔާންގެ ދެވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކޭން ކާމިޔާބުކޮށްދިނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ބަޔާންގެ ތިންވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ސާނޭ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ މަތީސް ޓެލް އެވެ.

ޖަރުމަނު ލީގުގައި އަންނަ ހަފްތާގައި ބަޔާން ބައްދަލުކުރާނީ އައުގްސްބާގްއާ އެވެ.