އިޓަލީގެ ގައުމީ ޓީމުގެ ކޯޗަކަށް ލޫސިއާނޯ ސްޕެލެއްޓީ ހަމަޖައްސައިފި އެވެ.
އިޓަލީ ޓީމުގެ ކޯޗު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ރޮބާޓޯ މަންޗީނީ ދާދިފަހުން މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މަންޗީނީގެ ކޯޗުކަމުގައި އިޓަލީން ވަނީ 2020 ގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވެފައެއް ނުވެ އެވެ.
ސްޕެލެއްޓީ އެންމެފަހުން ހުރީ ނަޕޯލީގެ ކޯޗުކަމުގައި ކަމަށްވާއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި 33 އަހަރަށް ފަހު ނަޕޯލީ އަށް އިޓަލީ ލީގު ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ ސީޒަނަށްފަހު ސްޕެލެއްޓީ ވަނީ އަރާމު ކުރަން ބޭނުންވާ ކަމަށް ބުނެ ނަޕޯލީގެ ކޯޗުކަން ދޫކޮށްލާފަ އެވެ.
ފުޓްބޯޅައިގެ ތެރެއަށް އެނބުރި އަންނަން ސްޕެލެއްޓީ ނިންމިއިރު އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމާ ރަސްމީކޮށް އޭނާ ހަވާލުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.
އިޓަލީ އަށް ކުރިއަށް އޮތީ އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އެވެ. ކޮލިފައިންގައި އަންނަ މަހުގެ ނުވަވަނަ ދުވަހު އިޓަލީ ބައްދަލުކުރާނީ ނޯތު މެސެޑޯނިޔާއާ އެވެ.