އަލްބޭނިއާ ޗުއްޓީ އަށް ދިޔަ އިޓަލީގެ ޓޫރިސްޓުންތަކެއް ރެސްޓޯރަންޓަކުން ހިދުމަތް ހޯދައިގެން ބިލް ނުދެއްކި މައްސަލައެއްގެ ތެރެއަށް ދެ ގައުމުގެ ސަރުކާރުން ވަދެ، އެ ބިލްގެ މައްސަލަ ނިންމައިފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ބިލްގެ މައްސަލަ އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ސަމާލު ކަމަށް ގެންނެވީ އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާ އިޓަލީ އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ. އެހެންވެ އިޓަލީގެ ބޮޑުވަޒީރު ވަނީ އަލްބޭނިއާގައި ހުންނަވާ އެ ގައުމުގެ ސަފީރަށް ގުޅުއްވައި ޓޫރިސްޓުންތަކެއް ނުދެއްކި ބިލުގެ މައްސަލަ ނިންމެވުމަށް އަންގަވައިފަ އެވެ.
އެ ބިލަށް އަރާފައި އޮތީ 80 ޔޫރޯ (86.92 ޑޮލަރު) އެވެ. ބިލަށް އަލްބޭނިއާގައ ހުންނަ އިޓަލީގެ އެމްބަސީން މިހާރު ވަނީ ފައިސާ ދައްކައި، އެ މުއާމާތުގެ މައްސަލަ ނިންމައިފަ އެވެ. މިކަމާ ބެހޭ ގޮތުން އެތަނުން ނެރުނު ބަޔާނެއްގައި ވަނީ ޗުއްޓީތަކަށް ގައުމުތަކަށް ދާ މީސްމީހުން އިޓަލީގެ ނަން ހުތުރު ނުވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.
"އުންމީދުކުރަން ދެން މިފަދަ ކަމެއް އިޓަލީ ބައެއްގެ ފަރާތުން ތަކުރާރު ނުވާނެ ކަމަށް." އެމްބަސީގެ ބަޔާނުގައި ބުންނެވެ.
އިޓަލީގެ ޓޫރިސްޓުންތަކެއް ހޯދި ހިދުމަތަށް ފައިސާ ނުދައްކައި ދިޔަ މައްސަލަ ގިނަ ބައެއްގެ ސަމާލު ކަމަށް އައީ އެތަނުގެ ވެރިޔާ އެ ވާހަކަ މީޑިއާތަކަށް ކިޔައި ދިނުމުންނެވެ. އޭނަ ބުނެފައިވާ ގޮތުގައި މިއީ ޓޫރިސްޓުންތަކެއްގެ ފަރާތުން މިފަދަ ތަޖުރިބާއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.