ބެލުންތެރިންގެ ބޮޑު ތަރުހީބެއް މިހާރު ލިބެމުން އަންނަ ބޮލީވުޑްގެ ފިލްމު "ގަދަރު 2" ގެ ތިން ވަނަ ބައެއް ވެސް ހަދާނެ ކަމަށް ޑައިރެކްޓަރު އަނިލް ޝަރުމާ ބުނެފި އެވެ.
މި މަހުގެ 11 ގައި ރިލީޒްކުރި މި ފިލްމު އެންޑް ކްރެޑިޓްގައި ވެސް "ޓު ބީ ކޮންޓިނިއުޑް" ހިމަނާފައިވާތީ ފިލްމުގެ ވާހަކަ އަދިވެސް ކުރިއަށް އޮތީކަން ޔަގީންކޮށްދެ އެވެ.
އެހެންވެ މިކަމާ ބެހޭ ގޮތުން މީޑިއާތަކުން އަނިލްއާ ސުވާލުކުރުމުން ތިން ވަނަ ބައެއް ޕްލޭންކޮށްފައި އޮތް ކަމަށާއި އެކަމަށް އަދި ވަގުތު ނަގާނެ އެވެ. "ގަދަރު 2" ބެލުންތެރިންނަށް ގެނެސްދިނީ މީގެ ފުރަތަމަ ފިލްމު "ގަދަރު: އޭކް ޕްރޭމް ކާތާ" ގެނެސްދިންތާ 22 އަހަރު ފަހުންނެވެ.
މި ދެ ފިލްމުގެ ވެސް ތަރިންނަކީ ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް އެވެ. "ގަދަރު" އަކީ އިންޑިއާގެ ފިރިހެނަކާއި ޕާކިސްތާންގެ އަންހެނެއްގެ ލޯބީގެ ވާހަކައެކެވެ. ފުރަތަމަ ބައިގައި ސަނީ އާއި އަމީޝާގެ ދަރިފުޅުގެ ރޯލު ކުޅުނު އުތުކާޝް ޝަރުމާ ވެސް "ގަދަރު 2" ގައި މުހިއްމު ރޯލެއް ކުޅެފައިވެ އެވެ. އޭނަ އަކީ ޑައިރެކްޓަރު އަނިލްގެ ދަރިއެކެވެ. އުތުކާޝް އަށް މިހާރު 29 އަހަރެވެ.
ތިން ވަނަ ބަޔާ ބެހޭ ގޮތުން އަނިލް ބުނީ އޭނަ އާއި "ގަދަރު 2" ގެ ސްކްރީންރައިޓަރު ޝަކްތީމާން ތަލްވާރު މިހާރު ވާހަކަ ގެންދާނެ ގޮތް ރާވަމުން އަންނަ ކަމަށެވެ.
"އެހެންވީމަ ތިން ވަނަ ބަޔަށް އަދި ވަރަށް ވަގުތު ނަގާނެ. އިންތިޒާރު ކުރަން ޖެހެނީ. އިންތިޒާރުގެ މޭވާ ފޮނިވާނެ." އަނިލް ބުންޏެވެ.
"ގަދަރު 2" އަށް ލިބެމުން އަންނަ ތަރުހީބާ އެކީ ސަނީ ވެސް މިހާރު ވަރަށް އުފަލުންނެވެ. އަދި ފިލްމުގެ ތިން ވަނަ ބައެއް ފެނިދާނެތޯ އެހުމުން އޭނަ ވެސް ބުނީ ތިން ވަނަ ބައެއް ގެނެސްދޭނެ ކަމަށެވެ.
ޖުމްލަ 80 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ގަދަރު 2" އަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 393.2 ކްރޯޑް ރުޕީސް (47.3 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.