އިންޑިއާގެ މޯހަން މުތާ ކުންފުނިން ރާއްޖޭގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ނިންމައި، 30 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ރާއްޖޭގައި ޢިމާރާތް ކުރުމުގެ ދާއިރާގައި އެމްއެމް އެކްސްޕޯޓްސް ނަމުގައި ހަރަކާތްތެރިވާ ކުންފުނީގެ ބެލެނިވެރި ކުންފުނިން މޯހަން މުތާ ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރ ސުރޭޝް މުތާ، އިންޑީއާގެ ނޫހަކަށް މިހަފްތާ ތެރޭގައި ދިން އިންޓަވިއުގައި ބުނީ، ރާއްޖޭގައި 462 މިލިއަން ރުފިޔާ ނުވަތަ 30 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށް މަތީ ފެންވަރުގެ ރިސޯޓެއް ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރިސޯޓު ތަރައްޤީ ކުރަން ލޯނެއް ރާއްޖޭގެ މާލީ އެހީ ދޭ ފަރާތަކުން މިހާރު ޔަޤީން ކުރެވިފައިވާ ކަމަށް ސުރޭޝް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންފަރާތެއްކަމާއި ކިހިނެއް ލިބުނު އެހީއެއްކަން ހާމަކޮށްފައި ނުވެއެވެ. އަދި މިހާރު ކުރަމުންދަނީ ރަށުގެ އެކުއިޒިޝަން މަސައްކަތް ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އެކުންފުނިން ރަށުގެ އެކުއިޒިޝަން މަސައްކަތް ކުރަމުންދާއިރު ރިސޯޓު އޮތީ ކޮން ސަރަހައްދެއްގައި ކަން ހާމަކޮށްފައި ނުވެއެވެ.
ސުރޭޝް ބުނި ގޮތުގައި ރިސޯޓު ހާއްސަ ކުރެވިފައިވަނީ، ވެޖިޓޭރިއަން އަދި ވީގަން ކާނާ އަށް ކަމަށެވެ. އަދި އެކުންފުނިން ތަރައްޤީ ކުރާ ރިސޯޓުގައި، ބަނގުރާ އެކުލެވޭ އެއްވެސް އެއްޗެއް ސާވް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
އެމްއެމް އެކްސްޕޯޓު ކުންފުނިން ރާއްޖޭގައި ރިސޯޓެއް ތަރައްޤީ ކުރަން މަަސައްކަތް ކުރަމުންދާއިރު، އެކުންފުންޏަކީ ރާއްޖޭގެ ބައެއް ފަރުތަކަށް ގެއްލުން ދިނުމުގައި މައްސަލާގައި އީޕީއޭއިން ޖޫރިމަނާ ކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން 2015 ވަނަ އަހަރު ދިއްދޫ ފަރަށް ބޯޓެއް އެރުމާއި، ދާދި ފަހުން ފުވައްމުލަކަށް ހިލަ ބަރުކޮށްގެން ގެނެއި ބޯޓެއް ބަނޑު ޖަހާލި މައްސަލަވެސް ފާހަގަ ކުރެއެވެ.
އަދި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެކުންފުނީގެ މައްޗަށް އަނގާފައިވައިރު، މިއިން އެއްވެސް ލާރިއެއް މިހާތަނަށް ދައްކާފައިވާކަން އެނގެން ނެތެވެ.