އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ޓޮޓެންހަމުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
ލީގުގައި ކުޅުނު ދެވަނަ މެޗުން ސިޓީ މޮޅުވިއިރު ފުރަތަމަ މެޗުގައި އެޓީމުން ބާންލީގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ. ޔުނައިޓެޑުން ފުރަތަމަ މެޗުގައި ވުލްވްސްގެ މައްޗަށް 1-0 އިން ކުރި ހޯދިއިރު ޓޮޓެންހަމްގެ ފުރަތަމަ މެޗުގައި ބްރެންޓްފޯޑްއާ ބައްދަލުކޮށް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 31 ވަނަ މިނެޓްގައި އާޖެންޓީނާގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. އަލްވަރޭޒް މި ގޯލު ކާމިޔާބު ކުރީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މި މެޗުގައި ސިޓީގެ އިތުބާރު ފޯވާޑް އާލިންގް ހާލަންޑްގެ ފަރާތުން ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް އޭނާ އަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.
ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވަނީ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށެވެ. އެގޮތުން ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބްރޫނޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށެވެ.
ޓޮޓެންހަމުން މި މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަޕޭ މަޓާ ސާ އެވެ. ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑްގެ އެންޓޮނީ އަށް އަދި ކަސެމީރޯ އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެ އެވެ. އެގޮތުން އެންޓޮނީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށް ކަމަށްވާއިރު ކަސެމީރޯ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ގިއޭމޯ ވިކާރިއޯ އެވެ.
ޓޮޓެންހަމުން މި މެޗުގައި ޖެހި ދެވަނަ ގޯލަކީ މެޗުގެ 83 ވަނަ މިނެޓްގައި ޔުނައިޓެޑްގެ އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ބޯންމަތް 3-1 އިން ބަލިކޮށްފަ އެވެ. ބްރައިޓަން އިން ރަށުން ބޭރުގައި ވުލްވްސްގެ މައްޗަށް 4-1 އިން ކުރި ހޯދިއިރު ބްރެންޓްފޯޑުން ވަނީ 3-0 އިން ފުލަމް ބަލިކޮށްފަ އެވެ.