ސްޕެނިޝް ލީގުގައި ރޭ އަލްމީރިއާގެ މައްޗަށް 3-1 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފި އެވެ.
އަލްމީރިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި އަރިބާސް ވަނީ އަލްމީރިއާ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 19 ވަނަ މިނެޓްގައި ރެއާލްގެ އިންގްލެންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ބެލިންހަމް މި ގޯލު ކާމިޔާބު ކުރީ އަލްމީރިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 60 ވަނަ މިނެޓްގައި ބެލިންހަމް ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ޓޯނީ ކްރޫސް އަލްމީރިއާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބެލިންހަމް ގޯލަށް އަމާޒުކޮށްލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލްއާ ގުޅުނު އުމުރުން 20 އަހަރުގެ ބެލިންހަމް ރެއާލަށް ކާމިޔާބުކޮށްދިން ތިންވަނަ ގޯލެވެ.
ބެލިންހަމް ދިން ޕާހަކުން ރެއާލްގެ ތިންވަނަ ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. މިއީ އަލްމީރިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އެޓީމުގެ ގޯލްކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ހިތްގައިމު ގޯލެކެވެ.
ސްޕެނިޝް ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ސެލްޓަވީގޯއާ އެވެ.