ފިލްމީ މަސައްކަތުގައި ކާމިޔާބު އާއިލާއަކަށް ވިޔަސް ބޮލީވުޑުން ލިބެންވާ ހައްގު ކްރެޑިޓް އާއިލާ އަށް ނުލިބޭ ކަަމަށް މަޝްހޫރު އެކްޓަރު ދަރުމެންދުރާ ބުނެފި އެވެ.
ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައ ގުނަވައިލެވޭ 87 އަހަރުގެ އެކްޓަރު ޓައިމްސް ނައު އަށް ދިން އިންޓަވިއެއްގައި ބުނި ފިލްމީ ދާއިރާގެ ގިނަ މީހުން އެ އާއިލާގެ މީހުންގެ މަސައްކަތުގެ އަގު އެހާ ބޮޑަށް ވަޒަން ނުކުރާ ކަމަށެވެ. އެކަމަކު އެކަމާ ކަންބޮޑުނުވާ ކަމަށާއި އެ އާއިލާގެ މެމްބަރުން ފިލްމުތަކަށް ބެލުންތެރިންނާއި ސަޕޯޓަރުން ދޭ ލޯބި ފުދޭ ކަމަށް މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްގެ ބައްޕަ ބުންޏެވެ.
"އަހަރެމެންގެ ފިލްމުތައް ބަލަން އާންމުން ޓިކެޓް ގަނެގެން ވަދެ، އެ ފިލްމުތަކަށް ދޭ ލޯތްބަކީ އެންމެ ބޮޑު ހިތްވަރު." ބަތަލާ ހެމާ މާލިނީގެ ފިރިމީހާ ބުންޏެވެ.
ދަރޭ ބުނި ގޮތުގައި އޭނަގެ އާއިލާ އަށް ބޮލީވުޑުން ލިބެންވާ ހަގީގީ ކްރެޑިޓް ނުލިބެނީ ފިލްމީ ދާއިރާގައި އުޅޭ އެހެން މީހުން ގޮތަށް މާ ބޮޑަށް މާކެޓްވާން ނޫޅުން ކަމަށް ވެދާނެ އެވެ.
"އަހަރެމެންނަކަށް ހަގީގަތުގައި ވެސް ނުވޭ އެނގޭ މާކެޓްވާކަށް،" އޭނަ ބުންޏެވެ. "އެހެންވެ ކަންނޭނގޭ އެހާ ގިނަ ފުރުސަތުތައް ވެސް ނުލިބެނީ."
ދަރޭ ބުނި ގޮތުގައި އޭނަގެ ދޮށީ ދަރިފުޅު ސަނީ އަކީ ބޮލީވުޑް ފަހުރުވެރިވުން ހައްގު އެކްޓަރެކެވެ. ސަބަބަކީ އޭނަގެ ކެރިއަރުގައި ބޮޑެތި ބްލޮކްބަސްޓާތަކެއް ގެނެސްދީފައިވުމެވެ. އޭގެ އެއް ހެއްކަކީ ސިނަމާތަކުގައި މިހާރު ރަސްކަންކުރަމުން އަންނަ "ގަދަރު 2" އެވެ. މި ފިލްމު މިހާރު އަންނަނީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދަމުންނެވެ.
މި މަހުގެ 11 ގައި ރިލީޒްކުރި "ގަދަރު 2" އަކީ ސަނީ އާއި އަމީޝާ ޕަޓޭލް ކުޅުނު 2001 ގެ "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ.
ދަރޭ ބުނި ގޮތުގައި ސަނީ އަކީ އެއް އިރެއްގައި ވެސް އޭނަގެ ކާމިޔާބީތަކުގެ ވާހަކަ ދައްކައި، ފޮނިކަނޑާ އެކްޓަރެއް ނޫނެވެ. ދަރޭ ވަނީ ކެރިއަރުގައި މޮޅެތި އެކްޓިންތަކެއް ދެއްކި ބައެއް ފިލްމުތަކުން ލިބެން ޖެހޭ ކަމަށް ގަބޫލުކުރާ އެވޯޑްތަކެއް ވެސް ނުލިބޭތީ އެކަން ވެސް ފާހަގަކޮށްފަ އެވެ. ދަރޭ ބުނި ގޮތުގައި އޭނަގެ 1969 ގެ ފިލްމު "ސަތިއަމްކަމް" އަކީ އޭގައި ކުޅުނު ރޯލުން އެވޯޑް ހައްގު ފިލްމެ ކެވެ. އެ ފިލްމުގައި ދަރޭ ކުޅުނު ރޯލު ފާހަގަކުރެވެނީ ހިންދީ ސިނަމާއެއްގެ ފިލްމަކުން އެކްޓަރަކު ދެއްކި އެންމެ މޮޅު އެއް ރޯލަށެވެ.
ދަރޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އޭނަގެ ކުރިއަށް ވެސް ފިލްމުތަކެއް އެބަހުއްޓެވެ.