Last Updated: June 6, 11:02
Saturday, June 6, 2026
ޚަބަރު

އިލްޔާސް ކެމްޕޭނަށް ނ. އަތޮޅަށް ވަޑައިގަންނަވަނީ

ފޮޓޯ: އަހްމަދު އަންވަރު

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ކުރާ ކެމްޕޭން ދަތުރަކީ މިއަދުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރެކެވެ.

އިލްޔާސްގެ ކެމްޕޭން ދަތުރުގައި ކުރީގެ ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕޭނަށް ނ. އަތޮޅުގެ ރަށްތަކަށް އިލްޔާސް ދަތުރުކުރައްވާއިރު ރަނިންމޭޓް ހުސައިން އަމްރުވެސް އަންނަނީ ރަށްރަށަށް ދަތުރުކުރައްވާ ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން އަމްރު އަންނަނީ ބ. އަތޮޅުގެ ރަށްތަކަސް ދަތުރުކުރައްވަމުންނެވެ.

މިދަތުރުތަކުގެ ތެރެއިން އަންނަނީ ދޮރުން ދޮރަށް ހިންގަވާ، ރައްޔިތުންނަށް ޑިމޮކްރެޓްސްގެ ސިޔާސަތުތައް ސާފުކޮށްދެއްވަމުންނެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ކެމްޕޭން ހަރަކާތްތައް ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.