Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

ވަކި މީހަކު ވެރިކަމަށް ގެނަންނަން ގައުމަކުން ބޭނުންވޭ

ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް އަވައްޓެރި ވަކި ގައުމަކުން ވަރަށް ބޮޑަށް ވިސްނާ ކަމަށް ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޤާސިމް އަންނަނީ ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން މިއަދު ށ. ފުނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުން ހޫނު މަރުހަބާއެއްވަނީ ކިޔާފައެވެ.

ފުނަދޫގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި މިނިވަންކަން ރައްކާތެރި ނުކުރެވޭނަމަ އިތުރަށް ކުރެވޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ. މިއަދު ޤައުމު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށާއި ދާންވި ދިމާލެއް ނޭންގި ރައްޔިތުންނަށް މިއަދު އޮޅުން އަރާފައިވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ ގައުުމުގެ ސަލާމަތާއި އަމާންކަން އަދި މިނިވަންކަން އޮތީ ވަރަށް ބަނަކޮށް ކަމަށެވެ.

"އޭގެ މިސާލެއް ދަންނަވާލާނަން. އަޅުގަނޑުމެން ގައުމުގައި ކިތައް ހިސާބުގައި އަޅުގަނޑުމެންގެ ސިފައިންނަށް، ފުލުހުންނަށް ވަދެ ޗެކް ނުކުރެވޭ ތަންތަން ހުރީ ކިތައް ތަނުގައިތޯ އަޅުގަނޑުމެން ބަލައިލަމާތޯ؟" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ހަނިމާދޫގައި ދިވެހި ފުލުހުންނާއި ސިފައިން ފިޔަވާ އިތުރު ބަޔަކު ހަމަ އެގޮތަށް ބައިބަޔަށް އެނބުރޭތަން ފެނުނު ކަމަށާއި، އެމީހުންނަކީ އިންޑިއާ ސިފައިން ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. ޤާސިމް ވިދާޅުވީ ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް އަވައްޓެރި ވަކި ގައުމަކުން ވަރަށް ބޮޑަށް ވިސްނުން ގެންގުޅޭކަމަށެވެ. އަދި އެކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަން ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިޒަމާނުގައި ހަތިޔާރު ހިފައިގެން ގައުމު ހިފަން އެއްވެސް ބަޔަކު ނާންނާނެކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ މިހާރު ގައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވަނީ ގިނަ އަދަދެއްގެ ލޯނު ދީގެން ދަރުވާލައިގެން ކަމަށެވެ.

"އެގޮތަށް ދިވެހި ރައްޔިތުން އެއްބަސްތޯއޭ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅާއަށް ދެވަނަ ދައުރެއް އަޅުގަނޑުމެން ދޭން. އެގޮތަށް އަޅުގަނޑުމެން އަޅުވެތިވެގެން ބައެއްގެ އަތްދަށަށް ދާން ބޭނުންހެއްޔޭ ދިވެހިން." ޤާސިމް ވިދާޅުވިއެވެ.

ފުނަދޫގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ޤައުމު އަޅުވެތިވާގޮތަށް ބައެއްގެ ފައިސާ ބޭނުންނުވާ ކަމަށާއި އެއަށްވުރެއް މިނިވަންކަން ދިފާއުކުރުން މުހިންމު ކަމަށެވެ.