Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރާނަން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިފަދައިން ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އެގޮތުން އަލްހާން ވިދާޅުވީ ދޮގު އިލްޒާމް އަޅުވާ އަބުރު ކަތިލަން، އާންމުން އެއްކޮށްގެން ހަގީގަތާ ހިލާފު ދޮގުވާހަކަ އޭނާއާ ބެހޭގޮތުން ރައީސް ނަޝީދު ދައްކަވާފައިވާކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމަށެވެ.

"ބަދަލުގައި 3333 ބިޓްކޮއިން ހޯދަން ދަޢުވާގައި ހިމަނާނަން." އަލްހާން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގުޅިފަޅުން ބިން ހިއްކާފައި ދޭނީ ކިތައް ގޯތިކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ ހިސާބުތަކުން ފެންނަން ނެތް ކަމަށާއި ނަމަވެސް ގޯތި ދޭނެ ކަމަށް ބުނެ ޗާޓެއް ސަރުކާރުން ނެރެފައިވާ ކަމަށެވެ. އަދި މިކަން ކުރެވޭނެ ޕްލޭނެއް، އަންދާޒާ ހަރަދެއް، ފައިސާ ހޯދާނެ ގޮތެއް ސަރުކާރުން ހޯދާފައި ނެތް ކަމަށާއި މިއީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހިންގެވި ޕޮންޒީ ސްކޭމެއް ވުރެ ނުލަފާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގި "ފްރޯޑް" ގެ ބޮޑު މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވެއެވެ. އަދި ކިންގްސް ފޮރެކްސް ޓްރޭޑިންގެ މައްސަލަ އާންމުންގެ ސަމާލުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް ގެނެސްފައިވެއެވެ. އަދި އެފަދަ ސްކީމްތަކުގައި ބައިވެރި ނުވުމަށް ވެސް އެމްއެމްއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

މި މައްސަލައިގައި ބައެއް ބޭންކް އެކައުންޓްތައްވެސް ފްރީޒް ކޮށްފައިވެއެވެ. އަދި އެކަމުގައި ހިމެނޭ ކަމަށް ތުހުމަތު ކުރާ ކުންފުންޏެއް ހިންގާ އޮފީސް ބަލާފާސްކޮށް އަލްހާނުގެ ފޯނު ވެސް ހިފަހައްޓާފައިވެއެވެ.