ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހަގީގަތުގައި ޗޮއިސްއެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހިމްގެ ކެމްޕޭނަށް ށ. ފުނަދޫގައި ވާހަކަ ދައްކަވަމުން ޑރ.ވަހީދު ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތު އޮތްގޮތުން ގޭގައި މަޑުން ތިބެވެން ނެތްކަމަށެވެ. ޤާސިމަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރި މީހުންގެ ތެރޭގައި އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަން ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ވިސްނަން ޖެހޭ ކަމަށާއި އޭގެތެރެއިން އެއްކަމަކީ މިނިވަންކަން މިހާރު ގެއްލެމުންދާ ކަމަށެވެ. މިނިވަންކަން ގެއްލުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއްގައި ބޭރުބައެއްގެ ހުއްދަ ހޯދަންޖެހުންކަން ފާހަގަކޮށް ޑރ. ވަހީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިންވެސްޓްމެންޓް ވަކި ގައުމުތަކަކުން ނުގެނެސް އެހެން ގައުމުތަކަކުން ގެނައުމަށް ބޭރުގެ ގައުމަކުން ގޮތް ކިޔައިދިނުމަކީ ދައުލަތުގެ ބާރު ކަނޑުވާލުން ކަމަށެވެ.
މީގެއިތުރުން ރާއްޖެ ވަރަށް ބޮޑަށް ދަރާފައިވާކަން ފާހަގަކުރައްވާ ޑރ. ވަހީދް ވިދާޅުވީ ރާއްޖޭގެ ހާލު އޮތީ ވަރަށް ދަތިިކޮށްކަމަށެވެ. ރާއްޖޭގެ މިހާލަތުން ގައުމު ސަލާމަތްކުރެވޭނީ ކާކަށްތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖެއަށް ބޭނުންވަނީ ގައުމުދެކެ ލޯބިވާ ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކޮށްދެވޭނެ މީހެއް ކަމަށާއި އެބޭފުޅަކީ ޤާސިމް އިބްރާހިމް ކަމަށެވެ.
މިހާރު ވެރިކަމަށް ކުރިމަތިލާފައިތިބި ފަރާތްތަކުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަކީ ހަގީގަތުގައި ޗޮއިސްއެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ރާއްޖެއާއި ދިވެހި ރައްޔިތުން މިހާލަތަށް ވައްޓާލީ ރައީސް ސޯލިހް ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒްކޮށް ދަރަނި ބޮޑުކުރީ ރައީސް ސޯލިހް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ އެއީ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ] ނެތް ކެންޑިޑޭޓެއް ކަމަށް ބައްލަވާ." ޑރ. ވަހީދު ވިދާޅުވިއެވެ.
ދެން އޮތް ބޮޑު ޕާޓީއަކީ ޕީޕީއެމްކަން ފާހަގަކޮށް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓެއް މިއިންތިހާބުގައި ވާދަނުކުރާ ކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓެއް ނެރެފައިވަނީ މަކަރާ ހީލަތުން ކަމަށާއި އެހެންނަމަވެސް ޕީއެންސީގެ ކުލަ ނުފެންނަ ކަމަށާއި ފެންނަނީ ޕީޕީއެމްގެ ކުލަ ކަމަށް ވަހީދު ވިދާޅުވިއެވެ.
އަދި މިފަހަރުގެ އިންތިހާބުގައި ވާދަކޮށްފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންނާއި ޤައުމު ސަލާމަތް ކުރާނެ ކެންޑިޑޭޓަކީ ޤާސިމް އިބްރާހިމް ކަމަށް ވިދާޅުވިއެވެ.