Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

މާދަމާ ޖަލްސާގެ އެޖެންޑާގައި އޮތީ ކޮމިޓީތައް އެކުލަވާލުން

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ތާވަލު ކޮށްފިއެވެ.

މާދަމާގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައިވަނީ ހެނދުނު 09:00 އަށެވެ. އެޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ބެހުމުގެ މައްސަލައެވެ.

ކޮމިޓީތަކުގެ މައްސަލަ އަނެއްކާވެސް އެޖެންޑާ ކޮށްފައިވާއިރު ދައުރުން ބޭރުގައި ބޭއްވި ޖަލްސާއެއްގައި ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ 62 އިންސައްތަ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބޭގޮތަށް ފާސްކޮށްފައެވެ. އެހެންނަމަވެސް އޭގެފަހުން ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް، އެޕާޓީއަށް މަޖިލީހުގެ މެންބަރުން ވަނީ ސޮއި ކޮށްފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި ކޮމިޓީތައް އަލުން ބަހަން ޖެހިފައިވަނީ އެކަމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަކަށެވެ.

އެގޮތުން ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު މޭ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނއިރު ތިންވަނަ ދައުރު އޮގަސްޓް މަހު 16 އިން ނޮވެމްނަރު މަހުގެ ނިޔަލަށް ހިނގާނެކަމަށް މަޖިލިސް ގަވައިދުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މަޖިލިސް ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ އެ މައްސަލަތައް ކުރިއަށް ނުގޮސްވަނިކޮށެވެ. އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އޮތީ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަތައްވެސް ކުރިއަށް ނުގޮސް މަޖިލީހުގައި ވަނީ ތާށިވެފައެވެ.