Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހިޔާ ފްލެޓްތަކުގެ ބާކީ 145 ފްލެޓުގެ ގުރު ނަގަން ފަށައިފި

ހިޔާ ފްލެޓް ސަރަހައްދު / ފޮޓޯ: އައްޑޫލައިވް

ހިޔާ ފްލެޓުތަކުގެ ތެރެއިން މިހާތަނަށް ހާވަލު ނުކުރެވި ބާކީ ހުރި 145 ފްލެޓެއް ހަވާލުކުރަން އާބަންކޯގެ ފަރާތުން ގުރުނަގައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢޫގެ ތެރެއިން އެޅި ފްލެޓުތަކުގެ ތެރެއިން މިހާތަނަށް 145 ފްލެޓެއް އެއްވެސް ފަރާތަކަށް ދޫނުކޮށް އެބަހުރިއެވެ. މި ފްލެޓުތަކުގެ ގުރު މިއަދު ނެގިއިރު މި ފްލެޓުތަކަކީ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ މީހުންނާއި އެހެނިހެން ސަބަބުތަކާ ހެދި ދޫނުކޮށް ހުރި ފްލެޓްތަކެވެ.

ސިވިލްސާވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް އަދަދު ކަނޑައަޅައިގެން ކުރިޔަށް ގެންގޮސްފައިވާ ކެޓަގަރީއެކެވެ. މީގެ އިތުރުން ހުސްކޮށް ހުންނަ ފްލެޓުތަކަކީ، އެކި ކެޓަަގަރީތަކުން ފްލެޓު ލިބި އެކަމަކު އަދި ވަކި ގޮތެއް ނުނިންމާ ނޫނީ ދޫކޮށްލާފައި ހުންނަ ފްލެޓުތަކެވެ. އޭގެ ތެރޭ ހިޔާ އިން ފްލެޓު ލިބުނު ފަހުން 'ވިނަރެސް' ފްލެޓަށް ބަދަލުވާން ނިންމި މީހުންގެ ފްލެޓްތައްވެސް ހިމެނެއެވެ.

މި ފްލެޓްތައް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުން ނިންމާ ގޮތެއްގެ މަތިން ރިޒާވް ލިސްޓަކަށް ކަމަށް ހައުސިންގް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން ކުރީ ސަރުކާރުން މި ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ލިބުނު ފަރާތްތަކަށް ފްލެޓު ނުދޭން ކުރީ ސަރުކާރުގައި ނިންމިއިރު، މި ސަރުކާރުން ނިންމީ އެ ފަރާތްތަކަށް ފްލެޓްތައް ދިނުމަށެވެ. އެ ކެޓަގަރީގައި އެކަނިވެސް 45 މީހުން ތިއްބެވެ.

ހިޔާ މަޝްރޫޢޫގެ ދަށުން 7000 ފްލެޓް ހިމެނޭ ގޮތަށް 25 ޓަވަރު ވަނީ އިމާރާތްކޮށްފައެވެ. މީގެ ތެރެއިން 6720 ފްލެޓު އާންމުންނަށް ދިރިއުޅުމަށް ދޫކޮށްފައިވާއިރު، ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ވިޔަފާރި އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ވަނީ ދޫކޮށްފައެވެ.