Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޕަރިނީތީގެ ކައިވެނި އަންނަ މަހުގެ 25 ގައި

މި އަހަރުގެ މެއި މަހު ގެ ތެރޭގައި ލޯބިވެރިޔާ ރާގަވް ޗައްޑާއާ އެންގޭޖްވި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަންނަ މަހުގެ 25 ގައި ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވަން ދެ ފަރާތުގެ އާއިލާ އިން މިހާރު ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. މީޑިއާތަކުން ބުނީ ކައިވެނީގެ ހަފުލާ ބާއްވާނީ ރާޖަސްތާންގެ ގަނޑުވަރެއްގައި ކަމަށެވެ. ޕަރިތީނީއާ ދެބޭންގެ ދެދަރި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާ ވެސް 2018 ގައި ބޭއްވީ ރާޖަސްތާންގެ ގަނޑުވަރެއްގަ އެވެ.

ޕަރިނީތީ، 35، އާއި ރާގަވް، 35، އެންގޭޖްވީ މެއި މަހުގެ 13 ގަ އެވެ. ރާގަވް އަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ ލީޑަރެއްގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެކެވެ. ރާގަވް އާއި ޕަރިނީތީ އަކީ އިނގިރޭސިވިލާތުގައި އެކީގައި ކިޔެވި ދުވަސްވަރުން ފެށިގެން ވަރަށް ގާތް ދެ މީހުންނެވެ.


މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނަ ކުރު ސަޕޯޓިން ރޯލަކުން ފެނުނު "އޫޗާއީ" އެވެ. ދެހާސް އެގާރައިގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަމަރު ސިންގް ޗަމްކީލާ" އާއި "ދަ ގްރޭޓް އިންޑިއަން ރެސްކިއު" ހިމެނެ އެވެ.