Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މިދިޔަ މަހު މަހު ކަސްޓަމްސްގެ އާމްދަނީ މައްޗަށް

އެމްޕީއެލް ހުޅުމާލެ ބަ ނދަރު / ފޮޓޯ؛ އެމްޕީއެލް

އިމްޕޯޓް އެކްސްޕޯޓު މަތިވެ ކަސްޓަމްސް އާމްދަނީ މިދިޔަ ޖުލައި މަހު މައްޗަށް ޖެހިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ މަހަކުވެސް ކަސްޓަމްސް ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުގެ ތަފާސް ހިސާބުތައް އާންމު ކުރެއެވެ. އެގޮތުން މިއަހަރު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިމްޕޯޓު އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން މިއަހަރު 361 މިލިއަން ރުފިޔާ ޖުލައި މަހު ލިބިފައިވާއިރު، މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ، 315 މިލިއަން ރުފިޔާއެވެ. މިއީ 15 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން މިދިޔަ އަހަރާއި އަޅާބަލާއިރު އެންމެ ބޮޑަށް އުފުލިފައިވަނީ އެކްސްޕޯޓެވެ. އެގޮތުން ރާއްޖޭގެއިން ބޭރު ކުރެވުނު މުދަލުގެ (އެފް.އޯ.ބީ) އަގު، މިދިޔަ ޖުލައި މަހު 138 މިލިއަން ރުފިޔާއަށް އެރިއިރު، މިދިޔަ އަހަރު ޖުލައި މަހު ލިބިފައިވަނީ އެންމެ 81 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅައި ބަލާއިރު 70 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ގިނައިން މުދާ ރާއްޖެއިން ބޭރު ކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑު، އިންގިރޭސިވިލާތް އަދި ޖަރުމަން ވިލާތެވެ. މިގޮތުން ތައިލޭންޑަށް 35 އިންސައްތަ މުދާ ބޭރު ކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑުބަޔަކީ މަހުގެ ބާވަތްތަކެވެ. ތައިލޭންޑަށް 48 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު، އިންގިރޭސިވިލާތަށް 29 މިލިއަން ރުފިޔާ އަދި ޖަރުމަންވިލާތަށް 15 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ.


މީގެ އިތުރުން ޖުލައި މަހުގެ އިމްޕޯޓުވެސް ވަނީ އުފުލިފައެވެ. އެގޮތުން މިދިޔަ އަހަރު ޖުލައި މަހު އިމްޕޯޓު މުދަލުގެ (ސީ.އައި.އެފް) އަގު 4 ބިިލިއަނުގައި ހުރިއިރު، މިއަހަރު ޖުލައި މަހު މިއަދަދު ހުރީ 4.7 ބިލިއަން ރުފިޔާގައެވެ. މިއީ ތެލުގެ އިމްޕޯޓު ހިމަނައިގެންނެވެ. މިއަހަރު ޖުލައި މަހު ތެލުގެ އިމްޕޯޓު ނުހިމަނާ މި އަގަކީ 3.8 ބިލިއަން ރުފިޔާއެވެ. މިއާއެކު ޖުމްލަ އިމްޕޯޓު މިދިޔަ އަހަރު ޖުލައި މަހާއި އަޅާ ބަލާއިރު މިއަހަރު ޖުލައި މަހު 12 އިންސައްތަ ވަނީ އިތުރުވެފައެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑީއާ އޮމާން އަދި ޗައިނާއިންނެވެ. އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 667 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެ އިތުރުން ޗައިނާއިން 610 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިއާއެކު ކަސްޓަމްސްއަށް ރޯޔަލްޓީގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަހަރު ޖުލައި މަހު 19،423 ޑިކްލަރޭޝަނެއް ޕްރޮސެސްކޮށްފައި ވެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން 111 އުޅަނދެއް އައިސްފައިވާއިރު 132 އުޅަނދު ވަނީ ފުރާފައެވެ.