އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް، ނުވަތަ އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތުގައި މިއަހަރު ބައިވެރިވާ ދިވެހި އެތުލީޓުންނާއި ރައީސުލް ޖުމުހޫއްރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި މި ބައްދަލުވުމުގައި، ރައީސްގެ އިތުރުން ރައީސުލްޖުމުހޫއްރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވަނީ އައި.އޯ.އައި.ޖީ 2023ގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރަރ އިއުލާންކޮށްފައެވެ. ފްލޭގް ބެއަރަރސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޓެނިސް ކުޅުންތެރިޔާ ޢަބުދުﷲ ފާއިހް ފަޒީލްއާއި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއަށް ފްލޭގް ހަވާލުކޮށްދެއްވާފައިވެއެވެ.
President @ibusolih and First Lady Fazna Ahmed extended their best wishes to Maldivian athletes and officials participating in IOIG 2023, a multi-sport event held every four years among Indian Ocean island nations. This year, the event is being held in Madagascar. pic.twitter.com/FDP0ozFSDc
— The President's Office (@presidencymv) August 20, 2023
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ކުޅިވަރުގެ ދައިރާ ކުރިއެރުވުމަށާއި ކުޅުންތެރިން ތަމްރީނުކޮށް ބިނާ ކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކަށް އަލި އަޅުވާލައްވާފައެވެ. އެގޮތުން އަރުތަ ޕްރޮގްރާމުގެ ތެރެއިން ބޭރުގައި ތަމްރީނު ހެދުމަށް ކުޅުންތެރިން އެކި ޤައުމުތަކަށް ފޮނުވިފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަށް ގިނަ ކުޅިވަރުތަކުން ކުރިން ނުލިބޭ ވަނަތައް ގެނެސްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ ވަނީ ކުޅުންތެރިންނަށް ހިއްވަރު ދެއްވާފައެވެ.
މިމަހުގެ 25 އިން އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރާގައި ކުރިއަށްދާ އައި.އޯ.އައި.ޖީ ގައި ރާއްޖޭގެ 176 ކުޅުންތެރިއެއް ވާދަ ކުރެއެވެ. އެގޮތުން މި ކުޅުންތެރިން ތަމްސީލު ކުރަނީ ރާއްޖެއިން ބައިވެރިވާ 10 ކުޅިވަރެކެވެ. މީގެ ތެރޭގައި ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ޓެނިސް، ޕެރަ އެތްލެޓިކްސް، ސްވިމިންގ، ބާސްކެޓް ބޯލް ހިމެނެއެވެ.