ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ފްލެޓްވެރިންނާއި ހަވާލު ކުރަން މާދަމާ ފަށާނެ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.
ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމަށް މާދަމާ އެކަމަށްޓަކާއި ހާއްސަ ރަސްމީއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު ފޭސް 2 ވިނަރެސް ފްލެޓް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީއްޔާތުގައި ފްލެޓް ލިބިފައިވާ ފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރަން ފަށާނެ ކަމަށް އާބަންކޯއިން ބުނެއެވެ. މިގޮތުން ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކާއި އެކު މިދިޔަ ޖޫން މަހު 14 ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އޭގެ އިތުރުން، ހިޔާ ފްލެޓު ދޫކޮށްލި ފަރާތްތަކާއި، ސީލައިފުގެ ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަދި ގުޅިފަޅުން ކުރިން ފުލެޓް ލިބުނު ފަރާތްތަކަށް ވިނަރެސް ފްލެޓު ދެ އެވެ.
މިއަހަރު ފެބްރުއަރީ މަހު އާންމުކުރި ވިނަރެސްގެ ދައީމީ ލިސްޓުގައި މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1،094 މީހަކު ޝަރުތު ހަމަވެއެވެ. އަދި މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވެ އެވެ. މީގެ ކުރިން ނެރުނު ވަގުތީ ލިސްޓުގައި ޝަރުތު ހަމަވީ 723 މީހެކެވެ.
ވިނަރެސް ފްލެޓްތަކަކީ ހުޅުމާލޭގެ ފޭސް ދޭއްގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،340 އެޕާޓްމެންޓް ހުންނަ ފްލެޓްތަކެވެ. ބޯހިޔާވަހިކަމުގެ މި މަޝްރޫ އަކީ މެދުފަންތީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ.