Last Updated: April 29, 11:54
Monday, April 29, 2024
ޚަބަރު

ރާއްޖެ އަށް ބޭނުން ވަނީ ކޮހެއް ނޫން: އުމަރު

ރާއްޖެ އަށް ބޭނުންވަނީ ސިޔާސީ ޕާޓީތަކުން ދައްކާ ކޮހެއް ނޫން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރޭ މާލޭގައި ބޭއްވި ނެއިބާ ހުޑް ބައްދަލުވުމުގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ 15 އަހަރުވަންދެން ސިޔާސީ ޕާޓީތަކަށް ރައްޔިތުން ވޯޓު ދީފައިވާ ކަމަށާއި ކޮރަޕްޝަނާއި ވައްކަން ކުރުމަށް އައި ހަމައެކަނި ބަދަލަކީ ކޮންމެ ސަރުކާރެއްގައި ވެސް އެ ކަންކަން އިތުރު ގިޔަރަކަށް މައްޗަށް ޖެހިގެން ދިޔުން ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ވެރިކަން ދީގެން މަގުތައް ވެސް އަމާން ނުވި ކަމަށާއި އަދި ޑްރަގުގެ މައްސަލަ ވެސް ހައްލުނުވި އިރު ޕާޓީތަކަށް ވޯޓު ދީގެން އައި ބަދަލެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

"އައިނަމަ އައި ބަދަލަކީ އެ ސިޔާސީ ޕާޓީތަކުގައި ތިބި މީހުންގެ ޖީބަށް އައި ބަދަލެއް. އެމީހުންގެ ޖީބު ބޮޑުވީ އިތުރަށް. އެމީހުންގެ ބޭންކު އެކައުންޓުތަށް ބޮޑުވީ އިތުރަށް. އެމީހުންގެ އިމާރާތްތައް މައްޗަށް އެރީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާއްޖެ އަށް ބޭނުންވަނީ ތެދުވެރި ލީޑަރެއް ކަމަށާއި އެފަދަ ލީޑަރެއް ވެރިކަމަށް ގެނެސް ހާލަތު ބަދަލުކުރުމުގެ ފުރުސަތު އޮތީ ރައްޔިތުންނަށް ކަމަށެވެ.

"ސިޔާސީ ޕާޓީތަކުން ދައްކާހާ ކޮހެއް ނޫން ބޭނުންވަނީ އަޅުގަނޑުމެންނަށް. އެކަން އިނގެންވީ ތިބޭފުޅުންނަށް. ތިބޭފުޅުންގެ ހާލަތު ތިބޭފުޅުން އަމިއްލަ އަށް ބަދަލުކޮށްފުމަ ދާންދެން އެ ހާލަތު ބަދަލެއް ނުވާނެ،" އުމަރު ވިދާޅުވި އެވެ.

މީގެއިތުރުން އުމަރު ވަނީ އޭނާ ނިކުމެ ހުންނެވީ ގައުމު ބަދަލުކުރަން ކަމަށާއި އެ މަގުސަދުގައި ތިބި ފަރާތްތަކުން އޭނާއާއެކު ކުރިއަށް ދިޔުމަށް ވެސް ގޮވާލާފަ އެވެ.