މި އަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ފިލްމު "ދުންކީ" މި އަހަރު ބެލުންތެރިންނަށް ނުގެސްދީފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ބޮލީވުޑްގެ ފިލްމީ ކަންކަން ދިރާސާކުރާ ފަރާތްތަކާއި އެ އިންޑަސްޓްރީގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޑިސެމްބަރު މަހުގެ 22 ގައި ޝާހްރުކްގެ ފިލްމު ގެނެސްދޭން ކުރިން ޕްލޭންކޮށްފައި އޮތް ނަމަވެސް ފިލްމު މި އަހަރު ރިލީޒްކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. "ދުންކީ" އަކީ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ގެނެސްދޭ ސޯޝަލް ކޮމެޑީއެކެވެ.
މީގެ ޝޫޓި ނިންމައި މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެެވެ. ނަމަވެސް ޑިސެމްބަރަށް މިހާރު ބޮޑެތި އެހެން ފިލްމުތަކެއް ވެސް ތާވަލުކޮށްފައި ހުރުމާ އެކީ ޝާހްރުކްގެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭ ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރު ކަޕޫރްގެ "އެނިމަލް" އާއި ކަންގަނާ ރަނާވަތުގެ "އިމަޖެންސީ" އާއި ޝާހިދު ކަޕޫރްގެ ފިލްމެއްގެ އިތުރުން ވިކީ ކޯޝަލްގެ "ސޭމް ބަހާދޫރު" ހިމެނެ އެވެ. މި ފިލްމުތަކަކީ ބޮލީވުޑްގެ ތާވަލަށް މި އަހަރުގެ މެދު ތެރޭގައި އައި ބަދަލުތަކަކާ ގުޅިގެން ޑިސެމްބަރަށް ފަސްކުރި ފިލްމުތަކެކެވެ.
މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އަށް ފަހު ގެނެސްދޭ ޝާހްރުކްގެ ދެވަނަ ފިލްމު "ޖަވާން" އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިއީ އެޓްލީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.
ޝާހްރުކްގެ "ދުންކީ" އަކީ "މުންނާބާއީ" އާއި "3 އިޑިއަޓްސް" އާއި "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ހިރާނީގެ 2018 ގެ "ސަންޖޫ" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި މިއީ އޭނަގެ ފިލްމެއް ޝާހްރުކް ކުޅުނު ފުރަތަމަ ފަހަރެވެ. "ދުންކީ" ގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ބޮމަން އިރާނީ، ވިކީ، ސަތިޝް ޝާހް އަދި ދަރުމެންދުރާ ހިމެނެ އެވެ.