Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

"ދަ ޑިމޮކްރެޓްސް" މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި

"ދަ ޑިމޮކްރެޓްސް" ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުން ރައީސް ނަޝީދު ވިދާޅުވީ ވަކިޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ގޮތުގައި ތިއްބެވި ތިން މެންބަރަކު، އެ މެންބަރުން "ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށްފައިވާކަން މަޖިލީހަށް އަންގާފައިވާ ކަމަށާއި އަދި އެ ޕާޓީ މަޖިލީހުގެ ދަފްތަރުގައި ހިމެނުމަށް ބޭނުންވާ ލިޔެކިޔުން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން "ދަ ޑިމޮކްރެޓްސް" ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާ، މެންބަރު އަލީ އާޒިމް، މެންބަރު އިމްތިޔާޒް ފަހުމީ އަދި މެންބަރު ހުސައިން ފިރުޝާން އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމަނާ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެހެން މެންބަރުން ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރިކަން އަންގާ ލިޔެކިޔުން މަޖިލީހަށް ހުށަހެޅުމުން އެ މެންބަރުން މަޖިލީހުގެ އެ ޕާޓީގެ ދަފްތަރުގައި ހިމަނުއްވާނެ ކަމަށެވެ.

ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައި އެހެން މެންބަރުންގެ ތެރޭގައި، ރައީސް މުހައްމަދު ނަޝީދު، މެންބަރު ހަސަން ލަތީފް، މެންބަރު އީވާ އަބްދުﷲ، މެންބަރު މުހައްމަދު ރަޝީދު، މެންބަރު އިބްރާހިމް ރަޝީދު، މެންބަރު މުހައްމަދު ވަހީދު، މެންބަރު ހަސަން ޝިޔާން، މެންބަރު ހަސަން އަފީފް، މެންބަރު އަހުމަދު ޒާހިރު، މެންބަރު އިލްޔާސް ލަބީބް އަދި މެންބަރު އަހްމަދު ރަޝީދު ހިމެނެއެވެ. އެހެންނަމަވެސް މި މެންބަރުން ޑިމޮކްރެޓްސްއަށް ސޮއިކުރިކަން އަދި މަޖިލީހަށް އަންގާފައެއް ނުވެއެވެ.

3 މެންބަރަކު ޑިމޮކްރެޓްސްގެ ދަފްތަރުގައި ހިމެނުމުން، މިވަގުތު މަޖިލީހުގައި ތިބީ އެމްޑީޕީއަށް ނިސްބަތްވާ 54 މެންބަރުން، ޕީޕީއެމްއަށް ނިސްބަތްވާ 5 މެންބަރުން، ޕީއެންސީއަށް ނިސްބަތްވާ 3 މެންބަރުން، އެމްއެންޕީއަށް ނިސްބަތްވާ 3 މެންބަރުން، ޑިމޮކްރެޓްސްއަށް ނިސްބަތްވާ 3 މެންބަރުން، ޖޭޕީއަށް ނިސްބަތްވާ 2 މެންބަރުން، އެމްޑީއޭއަށް ނިސްބަތްވާ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 15 މެންބަރުންނެވެ.