ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ސަލްމާން ޚާންގެ އާ ފިލްމުގައި އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅެން ވަރަށް ތުނިކޮށް ބޯކޮށާލައިފި އެވެ.
މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް 57 އަހަރުގ އެކްޓަރު ކުޅޭ ފިލްމެކެވެ. ރަސްމީކޮށް އަދި އިއުލާން ނުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އެ ސްޓޫޑިއޯގެ 2021 ގެ ކާމިޔާބު ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ޝޭރުޝާ" ގެ ޑައިރެކްޓަރު ވިޝްނޫ ވަރުދާން އެވެ.
ދަރުމާގެ ފިލްމަކަށް ސަލްމާން ސޮއިކޮށްފައި މި ވަނީ އެ ސްޓޫޑިއޯގެ ފިލްމެއް ކުޅުނުތާ 25 އަހަރު ފަހުންނެވެ. ދަރުމާ އަށް އޭނަ ކުޅުނު ފުރަތަމަ ފިލްމަކީ ކަރަންގެ އަލަތު ޑައިރެކްޝަން 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ. ޝާހްރުކް ޚާނާއި ކާޖޮލް އަދި ރާނީ މުކަރްޖީ ލީޑް ރޯލު ކުޅުނު ފިލްމުގައި ސަލްމާން ކުޅުނީ ކުރު ސަޕޯޓިން ރޯލެކެވެ.

އެކަމަކު "ކުޗް ކުޗް ހޯތާ ހޭ" ގެ ފަހުން ވެސް ދަރުމާގެ ފިލްމަކަށް ސަލްމާން ސޮއިކުރި އެވެ. އެއީ މީގެ އަށް އަހަރު ކުރިން އެ ސްޓޫޑިއޯ އިން އިއުލާންކުރި އަދި ފަހުން ހެދުން ހުއްޓާލި "ޝުއްދީ" އެވެ.
އާ ފިލްމުގެ ޝޫޓިން އަށް ސަލްމާން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "ޓައިގާ 3" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ދަރުމާ އަށް ސަލްމާން ކުޅޭ ދެވަނަ ފިލްމު އަންނަ އަހަރުގެ ޑިސެމްބަރުގައި ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.