Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

ނަޝީދުގެ އާދޭސް: ރައްޔިތުންގެ ހައްޤުތަކަށް މެންބަރުން ނާރާ!

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ހައްޤުތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޭރުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވުމުންވެސް އެ މެންބަރުން މަޖިލީހުގެ ތަޅުންދޫކޮށް ނުގޮސް އަޑުގަދަ ކުރުމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް އަންގާ އެންގުންތަކަށް މެންބަރުން ހުރުމަތްތެރިކޮށް ހިތުމަކީ މަޖިލީހުގެ ގަވައިދު އަދި ޤާނޫނުއަސާސީ ސާފުކޮށް ބަޔާންކުރާ ގޮތް ކަމަށެވެ. އެހަމަތަކުގެ ބޭރުން މެންބަރުންނަށް މަޖިލީހުގައި ކަންކަން ކުރައްވަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ކުރެއްވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މެންބަރުންނަށް ޖެހިވަޑައިގަންނަވާނީ ޤާނޫނުއަސާސީއަށާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބޯލަންބަވަން ކަމަށާއި، އެއްވެސް މެންބަރަކު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ މަތީގައި ނުހުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގައި ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނީ ބާރު ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ.

"އިއްޒަތްތެރި މެންބަރުގެ ސިޔާސީ ޕާޓީން [އެމްޑީޕީ] ރާއްޖޭގެ ރަށްރަށަށް ވަޑައިގަތީމާވެސް ހަމަނުޖެހުން އުފެދުމާއި، ހަޅުތާލު ހިންގުމާ، މާރާމާރި ހިންގުން އެބަ އާންމުވޭ. މި މަޖިލީހުގައިވެސް ތި އިއްޒަތްތެރި މެންބަރުން ތި ދައްކަވަނީ ހަމަ އެ މަންޒަރު. ރާއްޖޭގެ ރައްޔިތުން އެއްގޮތަކަށްވެސް އެދޭނޭ މަންޒަރެއް ނޫން. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އަޅުގަނޑުމެންގެ ޤާނޫނުއަސާސީން ލިބިދީފައިވާއިރު، އެ ފުރުސަތުތައް ދޫކޮށްލައްވާ ރަށްރަށުގައިވެސް ތިބޭފުޅުން ތި ދައްކަވަނީ ވަރަށް ހުތުރު މަންޒަރެއް. މިމަޖިލީހުގައިވެސް ތި ދައްކަވަނީ ހަމަ އެ މަންޒަރު." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ހިނގަނީ ޤާނޫނީ ތަރަހައެއްގައިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީން ލިބިދީފައިވާ ބާރަކީ ރައްޔިތުންގެ ބާރެއް ކަމަށެވެ. ރާއްޖޭގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އަދި އެ ރައްޔިތުންގެ ބާރުތަކަށް އެރުއްވުމަށް އެއްވެސް މެންބަރަކު އުޅުއްވައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲއަށް މަޖިލީހުގެ ތަޅުން ދޫކުރައްވާ ދިއުމަށް ތަކުރާރުކޮށް އަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ބާރުތަކުގެ މައްޗަށް އަރާވަޑައިގަނެގެން ނުވާނެ ކަމަށެވެ.

މެންބަރުން ނުނިކުތުމުން ރައީސް ނަޝީދުވަނީ މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާލައްވާފައެވެ. އޭގެފަހުން ޖަލްސާ ފެށުނުއިރުވެސް ޔައުގޫބް އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ތަޅުމުގައި ތިއްބެވުމުން ރައީސް ނަޝީދު ވަނީ ތަކުރާރު ކުރައްވާ އެ މެންބަރުންނަށް ތަޅުން ދޫކޮށް ނިކުމެވަޑައިގަތުމަށް އަންގަވާފައެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުވުމަށް މިފަދަ ކަންކަން ނުކުރެއްވުމަށް އެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ މަޖިލީހަށް އެމަނިކުފާނު ސިފައިން ނުގެންނާނެ ކަމަށާއި އަދި ފުލުހުންގެ ޓޭޕުވެސް ނުދަމާނެ ކަމަށާއި ބާރުގެ ބޭނުން ނުކުރާނެ ކަމަށެވެ.

"އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް އިލްތިމާސްކުރާނަން އާދޭސްވެސް ދަންނަވާނަން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްްޤުތަކަށް އެއްވެސް އިއްޒަތްތެރި މެންބަރަކު އަރާވަޑައިނުގަތުމަށް."

މަޖިލީހަކީ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދޭތަންކަމާއި އެ މަޖިލިސް ހިންގުނަ ނުދިނުމަށް އެއްވެސް މެންބަރަކު މަސައްކަތް ކުރުމަކީ ދިވެހިރާއްޖެއަށް ރަނގަޅު ގޮތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.