ބޭންކް އޮފް ބަރޯޑާ އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ހަރުމުދަލެއް ނީލަމެއްގައި ވިއްކައިލަން އެ ބޭންކުން އިއުލާންކޮށްފި އެވެ.
އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ބޭންކަށް ދައްކަން ޖެހިފައި އޮތް ލޯނުގެ އަދަދު 55.99 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) އަރަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން އެ ލޯނަށް ސަނީ ފައިސާ ދައްކައިފައެއް ނުވެ އެވެ. އެހެންވެ ލޯނު ނެގި އިރު، ރަހުނުކޮށްފައިވާ މުމްބާއީގެ ޖުހޫގައި ހުންނަ ސަނީގެ ސަނީ ވިލާ ނީލަމުގައި ވިއްކައިކަން އިއުލާންކުރީ އެވެ.
އެތަނަކީ ސަނީގެ ޕްރޮޑަކްޝަން ހައުސްތަކަކާއި ޕްރިވިއު ތިއޭޓަރެއް ވެސް ހިމެނޭ ތަނެކެވެ. ލޯނު ނުދައްކައިގެން ސަނީ ވިލާ އޮންލައިންކޮށް ނީލަމުގައި ވިއްކައިލަން ކުރި އިއުލާނުގައިވާ ގޮތުން ނީލަން ފެށޭ އަގަކީ 51.43 ކްރޯޑް ރުޕީސް (6.2 މިލިއަން ޑޮލަރު) އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޭންކް އޮފް ބަރޯޑާ އިން މިހާރު ވަނީ "ޓެކްނިކަލް ސަބަބުތަކާ ހެދި" ކަމަށް ބުނެ ނީލަން ވަގުތީ ގޮތުން ބާތިލުކޮށްފަ އެވެ.
ސަނީގެ ހަރުމުދަލެއް ނީލަމުގައި ވިއްކާލުމުން ފެންމަތިވެފައި މި ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރާ 66 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ ފިލްމު "ގަދަރު 2" ގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައި ވަނިކޮށެވެ. މި މަހުގެ 11 ގައި ރިލީޒްކުރި މި ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 470.17 ކްރޯޑް ރުޕީސް (57 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
ސަނީ އަކީ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ދޮށީ ދަރިފުޅެވެ.