Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

ނަން އިއްވި މެންބަރުން ތަޅުން ދޫނުކުރުމުން މަޖިލިސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު މެންބަރުން ނުދެއްވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ ޖަލްސާ ފެށިތަނުން އެމްޑީޕީގެ ބައެއް މެންބަރުންވަނީ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަން ފަށާފައެވެ. އަދި ތަކުރާރުކޮށް އެންގުމުންވެސް އަޑުގަދަކުރުން ހުއްޓާނުލުމުން އެމްޑީޕީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީގެ ނަން ވަނީ އިއްވާފައެވެ.އެހެންނަމަވެސް އެ މެންބަރުން މަޖިލީހުގެ ތަޅުން ދޫކުރައްވާ ގޮސްފައެއްނުވެއެވެ.

ފަހުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ މަޖިލީހުގައި ވަޒީރުން އިށީންނަވާ ގޮނޑިކޮޅުގައި އިށީންދެވަޑައިގެންފައެވެ. އެތަނުން ތެދުވެވަޑައިގެން މެންބަރުގެ ގޮނޑިކޮޅަށް ދިއުމަށް ތަކުރާރުކޮށް ރިޔާސަތުން އެދުމުންވެސް އެ މެންބަރު އެގޮތަށް ކަންކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ރައީސް ނަޝީދު ވަނީ މެމްބަރު އަބްދުލްޣަފޫރު މޫސާގެ ނަން އިއްވާފައެވެ.

ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ނުގޮސް މަޖިލީހުގައި އަޑުގަދަކުރުމުން، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި ހުއްޓުމެއްގައި އޮތެވެ.

"ވަރަށް ވެސް ހިތާމަވެރި، އިއްޒަތްތެރި މެންބަރުން ތަކުރާރުކޮށް އަޅުގަނޑަށް މަޖިލިސް ހިންގުމުގެ ފުރުސަތު މިއަދު ނުދެއްވިކަމުން،" ރައީސް ނަޝިދު ވިދާޅުވިއެވެ.

ޖަލްސާ ކުރިއަށް ނުގެންދެވުމުން މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރައިސް ނަޝީދު ވިދާޅުވީ މާދަމާވެސް މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށެވެ.