ގޮއިދު އާއި ފުޅަދޫ އަސި ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހެއްދެވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. ފުޅަދޫއަށް މިއަދު ރައީސް ސޯލިހް ވަޑައިގަތުމުން އެ ރަށުން ރައީސްއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ފުޅަދޫގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރީގެ ވެރިން ކުދި އާބާދީތަކަށް އެއްވެސް އިސްކަމެއް ދެއްވާފައި ނުވާކަމަށެވެ. ކުދި ރަށްތައް ތަރައްގީކުރުމުގެ ވިސްނުން ކުރީގެ ރައީސުންގެ ނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ އަންނަ ދައުރެއްގައި އެމަނިކުފާނު އެ ރަށްރަށަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާފައެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ގޮއިދޫ ފުޅަދޫ ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހައްދަވާނެ ކަމަށާއި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެސަރަހައްދަށްވުރެއް ވަކި ރަނގަޅު ސަރަހައްދެއް ނެތްކަމަށެވެ. އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގެ ޕްލޭންތަކެއް އެބަހުރި ކަމަށާއި އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ އެރަށުގައި ފްލޯޓިން ޖެޓީއެއް، އިންޑޯ ވޮލީ ކޯޓެއް، ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުން، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުން، ސަރުކާރުގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކުރުން އަދި ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފައްޓަވާނެ ކަމަށެވެ.